Advertisement

ލީޑަޝިޕު ވަކިވެގެންދިޔަސް ޕާޓީ ބަލިކަށްޓެއް ނުވޭ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވައްޑެ ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ލީޑަޝިޕު ވަކިވެގެންދިޔަސް ޕާޓީ ބަލިކަށްޓެއް ނުވޭ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް އެ ޕާޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންތަކެއް ވަކިވެގެންދިޔަ ނަމަވެސް ޕާޓީ ބަލިކަށި ނުވާ ކަމަށާއި އެ ބޭފުޅުން ވަކިވެގެން ދިޔައީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ މަތީ ފަޑީގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް ވަކިވެގެން ދިޔުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލު ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ދުނިޔެއަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ ވެސް އެތައް ކަމެއް ވަކިވެގެންދާ ދުވަހެއް ކަމަށެވެ.

ނަމަވެސް އެއިން ކޮންމެ ދުވަހަކު ވެސް އާ އުއްމީދުތަކާއި އާ ކަންތައްތަކެއް އުފަންވެގެންދާކަން އެއީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ޕާޓީއަށް ފަނޑުވުމެއް ހީނަރުކަމެއް ނެތް، އެނގިވަޑައިގަންނަވާނެ އިރުވައިގެ ތިންހަޅަ، ތިންވަނަ ހަޅަ މިހާރު ޖަހަމުން މިދަނީ، މިއަށްފަހުގައި ހުވަން ނަކަތް އަންނާނީ، އިރާދަކުރެއްވިއްޔާ ވަޔާއި ކަނޑު ހިނދޭނެ ރީތިކޮށް އަޅުގަނޑުމެންނަށް ދަތުރު ކުރެވޭވަރު ވާނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން ބާރަށް ކުރިއަށް ދާނަން،" ވައްޑެ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒްގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު އާއި ކުރީގެ މެންބަރު އަލީ އާޒިމް ވެސް އިއްޔެ ވަނީ އެ ބޭފުޅުން ކުރިން ނިސްބަތްވި ޕާޓީ، އެމްޑީޕީއާ ގުޅިފަ އެވެ.

އެ ބޭފުޅުންގެ ވަކިވުމާ ގުޅިގެން ވާހަކަދައްކަވަމުން ޑިމޮކްރެޓްސް ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެ ޕާޓީގެ ނައިބު ރައީސް، ހުސެއިން ފިރުޝާން ވިދާޅުވީ ޕާޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންތަކެއް ވަކިވެގެން ދިޔައީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް އެއްވެސް އިރެއްގައި ޖެހިފައެއް ނެތް އެ ބޭފުޅުންނަކާ އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑަކަށް ހިއެއް ނުވޭ އެފަދަ ކަމެއް ދިމާވެދާނެހެންނެއް، އެހެންނަމަވެސް ސިޔާސީ ކަމެއް އެހެންނޫންތޯ؟ ސިޔާސީ ކަމެއް ވީމާ ސިޔާސީ ހިޔާލުތަފާތުވުން ހުރެދާނެ،" ފިރުޝާން ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ނޫސްވެރިއަކު ކުރި ސުވާކަށް ޖަވާބުދެއްވަމުން ވައްޑެ ވިދާޅުވީ ގަސްގަސް ވެސް ހެދުން ދަށްވީމާ އޭގެ ގޮފިތައް ކޮށައިލާ ކަމަށެވެ. އަދި އެގޮތަށް ކަން ކުރުމުން ގަސް ބިޔަކޮށް ހަލުވިކޮށް ހެދިގަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ގޭތެރޭގައި ގަސް ހައްދަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބައެއް ފަހަރު ގަސްގަހުގެ ހެދުން ދަށްވީމާ ގޮފިތައް ކޮށައިލަން ޖެހޭ ކޮންމެވެސް ވަރަކަށް، ކޮށާލީމާ މާރީއްޗަށް ހެދިގަނޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބައެއް ގޮފިތައް ކޮށާލައިގެން މި ޕާޓީ އަލުން ހައްދަން [މަސައްކަތް ކުރާނީ]،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންދިޔަ ބޭފުޅުންނަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ނިންމެވުމަށް ޑިމޮކްރެޓްސްގެ ނަމުގައި މަރުހަބާ ދަންނަވައިފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުމެއް ނެތް، ފުރަތަމަ ކަމަކަށް، އެ ބޭފުޅުންނަކީ މި ދެންނެވިހެން ވަރަށް މި ޕާޓީއަށް ހިދުމަތްތެެރި ބޭފުޅުން، ވަރަށް ސިޔާސީ ވަރުގަދަ ބޭފުޅުން، އުސްތާޒު ހަސަން ލަތީފު އަދި މުހައްމަދު ޝިފާޒް، އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ވިސްނެވުމަށް އެ ބޭފުޅުން އަމިއްލައަށް އެ ބޭފުޅުން ނެންގެވި ފިޔަވަޅެއް އެއީ، އަޅުގަނޑުމެންގެ ޕާޓީން އެ ބޭފުޅުންގެ ނިންމެވުމަށް މަރުހަބާ ކިޔަމޭ،" ވައްޑެ ވިދާޅުވި އެވެ.