Advertisement

ޑިމޮކްރެޓްސްގެ ހިންގުން އަލައިކާ އާއި ފިރުޝާންއަށް، ކުރިއަށް ދާނެ ގޮތަކާ މެދު ގޮތެއް ނިންމަނީ

ޑިމޮކްރެޓްސްއިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން.


ޑިމޮކްރެޓްސްގެ ހިންގުން އަލައިކާ އާއި ފިރުޝާންއަށް، ކުރިއަށް ދާނެ ގޮތަކާ މެދު ގޮތެއް ނިންމަނީ

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ހިންގުން ވަގުތީ ގޮތުގެ މަތިން ނައިބުރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާން އަދި ހުސެއިން ފިރުޝާން ހަވާލުވެއްޖެ އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލައިކާ ވިދާޅުވީ އެ ޕާޓީގެ ރަައީސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުމުގެ މަސްއޫލިއްޔަތު ދެން އޮންނާނީ ޕާޓީގެ ނައިބު ރައީސުންނަށް ކަމަށެވެ.

މިގޮތުން ދެ ދުވަހެއްގެ ތެރޭގައި ޕާޓީގެ ނެޝަނަލް އެސެމްބްލީއެއް ބާއްވައި، ވަގުތީ ރައީސަކު އައްޔަނު ކުރުމާ މެދު ވެސް ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ރައީސަށް ހުރި ހަސަން ލަތީފް އެނގޭތޯ. ޕާޓީގެ ރައީސް އިސްތިއުފާ ދީފި. ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރައީސް އިސްތިއުފާ ދިނީމަ ޕާޓީގެ ރައީސްގެ މަގާމާ ހަވާލުވާ ވަގުތީ ރައީސަކު ނަގާނެ ސިއްރު ވޯޓަކުން. މިހާރު މިދަނީ ޓްރާންސިޝަނަލް ޓައިމެއް. ޕާޓީގެ ރައީސް ނެތީމަ ވަގުތީ ގޮތުން ތިބޭނީ ނާއިބު ރައީސުން،" އަލައިކާ ވިދާޅުވި އެވެ.

މީގެއިތުރުން އަލައިކާ ވިދާޅުވީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ޕާޓީ ދެން ކުރިއަށްދާނެ ގޮތްތަކާއި މެދު ގޮތްތަކެއް ނިންމާނެ ކަމަށާއި މަސައްކަތް ކުރަނީ އެ ބައްދަލުވުން ވީހާވެސް އަވަހަށް ބާއްވަން ކަމަށެވެ.

"ޕާޓީގެ ނެޝަނަލް އެސެމްބްލީއެއް އޮންނާނެ ދެ ދުވަހެއް ތެރޭގައި. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް އެ ބައްދަލުވުން ބާއްވަން. އޭގައި ޕާޓީ ކުރިއަށް ދާނެ ގޮތަކާ އެއްޗެހި ނިންމާނެ. މާދަމާ އަޅުގަނޑުމެން އެބަ ބާއްވަން ޕްރެސްއެއް،" އަލައިކާ ވިދާލުވި އެވެ.

ދަ ޑިމޮކްރެސްޓްގެ ލީޑާޝިޕުން މާދަމާ މެންދުރު 2:30 ގައި ގ. ބޮޑުފެންވަޅުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިމޮކްރެސްޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އެމްޑީޕީއާ ގުޅެން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ޑިމޮކްރެޓްސްގެ ނައިބު ރައީސް ހަސަން ޝިފާޒް އާއި ރިޔާސީ އިންތިހާބުގައި ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު އަދި ކުރީގެ މެންބަރު އަލީ އާޒިމް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.