Advertisement

ޗައިނާއާ އެންމެ ގާތް ގައުމަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

12 ޖަނަވަރީ 2025 - 09:30 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު އާއި ޗާންގް ޔީ ރައީސް އޮފީހުގައި: ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށްވާތީ އުފާ ކުރައްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ޗައިނާއާ އެންމެ ގާތް ގައުމަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

12 ޖަނަވަރީ 2025 - 09:30 2

ޗައިނާއާ އެންމެ ގާތް، އެކުވެރި ގައުމަށްވާން މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ހުކުރު ދުވަހު ރާއްޖެއަށް ކުރެއްވި ކުރު ދަތުރަށްފަހު އެ ގައުމުގެ ސްޓޭޓް ކައުންސިލް ވެބްސައިޓުގައި ރައީސް މުއިއްޒުއާ ހަވާލާދީ ބުނެފައި ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

"ޗައިނާއާއެކު ރާއްޖެއިން އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަކޮށް، ޗައިނާއާ އެންމެ ގާތް ގައުމަށްވެ، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ރާއްޖެ އޮތީ އަބަދުވެސް ތައްޔާރަށް،" ރައީސް މުއިއްޒު ވިދާޅުވި ކަމަށް ސްޓޭޓް ކައުންސިލް ވެބްސައިޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކީ ޗައިނާއަށްވާތީ އެކަމާ އެމަނިކުފާނު އުފާ ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ ވަޑައިގަތީ އެފްރިކާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރަށްފަހު އެނބުރި ޗައިނާއަށް ވަޑަައިގަތުމުގެ ކުރިންނެވެ. އެއީ ކޮންމެ އަހަރަކު ވެސް އެފްރިކާގެ ބައެއް ގައުމުތަކަށް ޗައިނާގެ ފޮރިން މިނިސްޓަރު ކުރައްވާ ދަތުރެކެވެ.

ވާންގް ޔީ ވަޑައިގެންނެވީ ނެމީބިއާ، ކޮންގޯ، ޗާޑް އަދި ނައިޖީރިއާއަށެވެ. އެ ގައުމުތަކަށް ކުރެއްވި ދަތުރަށްފަހު ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު ހަމަ އެ ދުވަހު ވާންގް ޔީ ވަނީ ޗައިނާއަށް ފުރާވަޑައިގެންފަ އެވެ.

ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކާއި މަގުހެދުމުގެ މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މުހިންމުކަމާއި އެކަން ކުރުމަށް ޗައިނާއަށް ވެދެވޭނެ އެހީއާ ގުޅޭ ގޮތުން ވެސް ރައީސް މުއިއްޒު ވަނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވައިފަ އެވެ.

ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ހުކުރު ދުވަހުގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވާންގް ޔީ ވަނީ ރައީސް މުއިއްޒަށް ދެއްވައިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ދާދިފަހުން ޗައިނާއާ ވާދަވެރި އިންޑިއާއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ގައްސާނުގެ ދަތުރުގެ ތެރެއިން އިންޑިއާއިން ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ހަތަރު މިލިއަން ޑޮލަރު ނުވަތަ 62 މިލިއަން ރުފިޔާގެ އަސްކަރީ އާލާތް ހަދިޔާކޮށްފަ އެވެ. އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމާއި އެ އޮޕަރޭޓު ކުރަން އިންޑިއާގެ މީހުން ބޭތިއްބުމަށް ހަދާފައިވާ އެގްރިމެންޓު އާ ކުރަން ވެސް އެ ދަތުރުގައި މަޝްވަރާ ކުރި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއެކު މެރިޓައިމް ހަބެއް ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏަކާ އެކު އޭޕްރީލް 11، 2024، ގައި ސޮއި ކުރި އެވެ. ނަމަވެސް ފަހުން، ހަމަ އެ ޕްރޮޖެކްޓުތައް ހިންގަން އިންޑިއާ ސަރުކާރާއެކު ވެސް ރާއްޖެއިން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއި ކުރީ ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެން އޮކްޓޯބަރު 7، 2024، ގަ އެވެ.

އޭގެ އިތުރުން، އިންޑިއާއިން އަސްކަރީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރާ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓަށް ހިންގަން ޗައިނާގެ ކުންފުންޏަކާ މާޗް 28، 2024، ގައި ސަރުކާރުން ހަވާލު ކުރި އެވެ. ނަމަވެސް އެ ޕްރޮޖެކްޓު ފަހުން ވަނީ ރަސްމާލެއަށް ބަދަލުކޮށްފަ އެވެ. އަދި އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރަން ސަރުކާރުން އެއްބަސްވި އެވެ.