about 11 hours 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ދެއްވަދޫއަށް ވަޑައިގެންނެވުން: އެމަނިކުފާނު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެއަށް ވަނީ ވަޑައިގަންނަވާފައި -- ފޮޓޯ: ރައީސް އޮފީސް
about 11 hours 0
ސަރުކާރުގެ މަތީފަންތީގެ ވަފްދަކާ އެކު ހުވަދޫ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގައި ގދ. ހޯނޑެއްދޫ، ގދ. ނަޑެއްލާ، ގދ. ވާދޫ، ގއ. ފިޔޯރީ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގއ. ދެއްވަދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުގެ އިތުރުން ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރަކީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލު ކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެފައިވާ ވައުދުގެ ދަށުން ކުރެއްވި ދަތުރެއް ކަމަށެވެ.
ސަރުކާރުގެ މިނިސްޓަރުންނާއި އެކި ފަންތީގެ ބޭފުޅުންނާއެކު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރަކީ މި އަހަރު ތެރޭގައި ފަށާނެ މަޝްރޫއުތަކާއި ނިމޭނެ މަޝްރޫއުތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދޭން ކުރައްވާ ދަތުރެއް ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.
ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ މަނިކުފާނު ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.
Comment