Advertisement

ރިވައިވަލް އިން ނިބާލް އަށް އިންޑޮނޭޝިއާގައި ތަމްރީނު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފި

9 ޖަނަވަރީ 2025 - 08:33 0


ރިވައިވަލް އިން ނިބާލް އަށް އިންޑޮނޭޝިއާގައި ތަމްރީނު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފި

9 ޖަނަވަރީ 2025 - 08:33 0

ރިވައިވަލް ސްޕޯޓްސް ކްލަބުން އެ ޓީމުގެ ތަރި، ނިބާލް އަހުމަދު އަށް އިންޑޮނޭޝިއާގައި ތަމްރީނު ހެދުމުގެ ފުރުސަތު ތަނަަވަސްކޮށްދީފި އެވެ.

ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ނިބާލް ރިވައިވަލްއާ ގުޅުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ނިބާލް ވަނީ މިދިޔަ އަހަރު ރިވައިވަލް އިން ދިން ފުރުސަތެއްގައި މެލޭޝިއާގައި ވެސް ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ.

މިދިޔަ އަހަރު ރިވައިވަލްގައި ހިމެނިގެން ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ވާދަކުރި ނިބާލް ވަނީ، ބޮޓްސްވާނާ މުބާރާތުގައި ޒަޔާން ޒަކީއާ އެއް ޕެއާއެއްގައި ކުޅެގެން ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ.

މި އަހަރުގެ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރިވައިވަލް އިން ނިބާލް އަށް ދިން ފުރުސަތުގައި، އިންޑޮނޭޝިއާގައި އެއް މަސް ދުވަހުގެ ފުލް ޓައިމް ޓްރެއިނިން ފުރިހަަމަ ކުރަމުން ގެންދާނީ، ސުރަބާޔާގެ ސޮނީ ޑްވީ ކުންކޮރޯ ބެޑްމިންޓަން ޓްރެއިނިން ސެންޓަރުގަ އެވެ.

ގައުމީ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދި ނިބާލް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެންމެ ފަހުން ދެ ފަހަރު ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް އާއި ލޯ މެޑަލް ހޯދި ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ރާއްޖޭގެ ޖޫނިއާ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް ހޮވުނު ނިބާލް ވަނީ އެންމެ ފަހުން، މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.