8 ޖަނަވަރީ 2025 - 12:40 0
ލީވާން އަލީ ނާސިރު
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނިން ވަނީ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ދޭން ފެށިކަން ހާމަކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
8 ޖަނަވަރީ 2025 - 12:40 0
ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ހުރިހާ ރަށެއްގައި ހިދުމަތް ދިނުމުގެ މަސައްކަތް ފުރިހަމަ ކޮށްފި އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފެންވަރެއްގައި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 100 ޕަސަންޓު ރަށަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
"މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި. ހިދުމަތް ވެސް ދޭން ވަނީ ފަށާފައި. 100 އިންސައްތަ ރަށަށް މިހާރު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ގައުމަށް ފައިދާ ހުރި އެ މަސައްކަތް ކުރުމަށް އަމާޒު ކަނޑައަޅައިގެން ފެށީ މީގެ ފަސް އަހަރު ކުރިންކަން ފާހަގަކުރައްވާ އިސްމާއިލް ރަޝީދު ވިދާޅުވީ އެ މަސައްކަތް ނިންމާލެވުނީ ސަރުކާރުގެ އިތުރުން ރަށްރަށުގެ ކައުންސިލުތަކާއި އެ ކުންފުނީގެ ޕާޓްނަރުންގެ އެއްބާރުލުމާ އެކީގައި ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު: ދިރާގުން ރާއްޖޭގެ 100 ޕަސަންޓު ރަށަށް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާވުމުން، ތަރައްގީގެ ދުވެލި ހަލުވިވެ، ރަށްރަށަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އޭގެ ސަބަބުން ލިބިގެންދާނެ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑްގެ ޕެކޭޖުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އެ ޕެކޭޖުތަކުން ޑޭޓާ ހުސްނުވެ، 20 އެމްބީޕީއެސް އިން ފެށިގެން އެއް ޖީބީއެމްޕީއެސް ސްޕީޑުގައި އިންޓަނެޓު ލިބެ އެވެ.
ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގް ރާއްޖެގައި އިފްތިތާހުކޮށްފަ އެވެ. އެއާ އެކު ދުނިޔޭގެ މައި އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ދިވެހިރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.
ދިރާގުން 2000 ވަނަ އަހަރު މުޅި ރާއްޖެއަށް މޯބައިލް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރި އެވެ.
އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.
Comment