6 ޖަނަވަރީ 2025 - 17:19 1
އަމަން ހަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު: ހުރިހާ ދާއިރާއަކުން އަމަލީ ތަރައްގީ ފެނިގެންދާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
6 ޖަނަވަރީ 2025 - 17:19 1
މި ހިނގާ އަހަރަކީ ތަރައްގީގެ އަހަރު ކަމަށާއި ތަރައްގީގެ ކަންކަން ވަރަށް ބާރަށް ކުރިއަރައިގެންދާ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއާލައިން, މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓު ގެނައުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ހުރިހާ ދާއިރާއަކަށް ބެލި ކަމުގައިވީ ނަމަވެސް ކުރިއަށް މިއޮތީ ތަރައްގީގެ މަސައްކަތުގެ ދުވަސްތައް ކަމަށާއި އެ މަންޒަރު މި އަހަރުގެ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން ދެކޭނީ, ދެކިވަޑައިގަންނަވާނީ, ތަރައްގީ އަމަލީ ގޮތުން ފެނިގެންދާތަން. ކޮންމެ ދާއިރާއަކުން ވެސް. އެއީ އިގުތިސޯދީ ދާއިރާތަކުން ކަމުގައިވިޔަސް. އުމްރާނީ ތަރައްގީއާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކަމުގައިވިޔަސް. އިޖުތިމާއީ ގޮތުން އަޅުގަނޑުމެން ގައުމަށް ގެންނަން ފަށާފައި މިވާ ހެޔޮ ބަދަލުތަކުގެ ދާއިރާއިން ކަމުގައިވިޔަސް," އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ތަރައްގީއާ އެކީގައި ގައުމުގައި ހަމަޖެހުން ގާއިމުވެ, މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓިގެން ދިޔުމެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ތިން ކަންތައް އެކުއެކީގައި ހާސިލުވެގެންދާ ވަށާޖެހޭ ތަރައްގީއެއް ގެނެސްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކައިގައި މޯލްޑިވިއަންއަށް މި ގެނައި މަތިންދާބޯޓާއެކީގައި އެ އެއާލައިނަށާއި, މި ސަރުކާރުން އިގުތިސޯދު ކުރިއަރުވާ, ފުޅާކުރަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މިކަމުން މި ލިބިގެންދާ ކުރިއެރުމަކީ އިގުތިސޯދު ކުރިއެރުވުމަށްޓަކައި ފުޅާކުރުމަށްޓަކައި ފަށާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އަތްމަތީގައި, އަޅުގަނޑުމެން ދިވެހިންގެ އަތްމަތީގައި އަޅުގަނޑުމެންގެ އުދުހުންތައް, އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން ގެނައުމަށްޓަކައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް މިއަދު މިވެގެން މިދަނީ," ރައިސް ވިދާޅުވި އެވެ.
މިއަދު މި ގެނެވުނު މަތިންދާބޯޓުގެ އިތުރުން, މި އަހަރުގެ ތެރޭގައި މި ސައިޒުގެ އިތުރު މަތިންދާބޯޓެއް ވެސް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އޮކްޓޫބަރުގައި އެ ބޯޓުގެ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިއުލާންކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment