6 ޖަނަވަރީ 2025 - 12:38 4
ލީވާން އަލީ ނާސިރު
އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: ފަޒުލްގެ ދިފާއުގައި ރިލެކްސް ފެރީން ނިކުމެ ބުނީ 1.4 މިލިއަން ރުފިޔާ ދިނީ އެ ކުންފުނިން ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
6 ޖަނަވަރީ 2025 - 12:38 4
ވަގު ގޯތިތަކުގެ މައްސަލައިގައި ސަސްޕެންޑުކުރި ފަހުން އިސްތިއުފާ ދެއްވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ފައިސާ ފެނުނުކަން ހާމަވިތާ 24 ގަޑިއިރު ތެރޭގައި، އޭނާއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާ ދިން ކަމަށް ރިލެކްސް ފެރީ ސާވިސްއިން ބުނެފި އެވެ.
ރިލެކްސް ފެރީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ފަޒުލްގެ ކުންފުންޏަށް ދިން ކަމަށެވެ.
"ފަޒުލުގެ ކުންފުނިން ބަން ލޯންޗުގެ ފެންވަރު ރަނގަޅު ކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާ ކުރެވި މި ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެ،" އެ ކުންފުނިން ބުންޏެވެ.
ރިލެކްސް ފެރީއަށް ބޭނުންވާ ލޯންޗެއް 2022 ގައި ފަޒުލްގެ ކުންފުނިން ބަނދެދީފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ, "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން, މިދިޔަ މަހުގެ 22, ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އޭރު މި ނޫހަށް މައުލޫމާތު ދިން މަސްދަރުން އެ ގެއިން އެއްވެސް އެއްޗެއް ގެންދިޔަ ކަމަކަށް ނުބުނެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އިއްޔެ މި ނޫހާ މައުލޫމާތު ހިއްސާކުރި ދެ މަސްދަރަކުން ވަނީ ފަޒުލް ގެއިން ގިނަ އަދަދެއްގެ ފައިސާ ގެންދިޔަކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބޭތީ ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކުރިކަން ކަށަވަރުކޮށްދިނުމުގެ އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުނުމަށް ފަހުގަ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި ފަޒުލްގެ އިތުރުން, އޭނާގެ ބޭބެ, ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.
Comment