5 ޖަނަވަރީ 2025 - 21:40 2
އަމަން ހަލީމް
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު: މަގާމުގެ ނާޖައިޒު ފައިދާ ނަގައިގެން ގިނަ ފައިސާތަކެއް ހޯދި ކަމަށް އޭނާއަށް ތުހުމަތުކުރެވޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު
5 ޖަނަވަރީ 2025 - 21:40 2
ވަގު ގޯތިތަކުގެ މައްސަލައިގައި ސަސްޕެންޑުކުރި ފަހުން އިސްތިއުފާ ދެއްވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ނަގުދު ފައިސާއިން ހުރި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ގެންދިޔަ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.
ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ, "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން, މިދިޔަ މަހުގެ 22, ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އޭރު މި ނޫހަށް މައުލޫމާތު ދިން މަސްދަރުން އެ ގެއިން އެއްވެސް އެއްޗެއް ގެންދިޔަ ކަމަކަށް ނުބުނެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން މިއަދު މި ނޫހާ މައުލޫމާތު ހިއްސާކުރި ދެ މަސްދަރަކުން ވަނީ ފަޒުލް ގެއިން ގިނަ އަދަދެއްގެ ފައިސާ ގެންދިޔަކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބޭތީ ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކުރިކަން ކަށަވަރުކޮށްދިނުމުގެ އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުނުމަށް ފަހުގަ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި ފަޒުލްގެ އިތުރުން, އޭނާގެ ބޭބެ, އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (މިހާރު ސަަސްޕެންޑުކޮށްފައި) މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.
ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment