ލެބްރަން ޖޭމްސް އަށް އަނެއްކާ ވެސް ރެކޯޑެއް

5 ޖަނަވަރީ 2025 - 06:28 0


ލެބްރަން ޖޭމްސް އަށް އަނެއްކާ ވެސް ރެކޯޑެއް

5 ޖަނަވަރީ 2025 - 06:28 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖެނުއަރީ 5) - ލޮސް އެންޖެލްސް ލޭކާސް އަށް ކުޅެމުން އަންނަ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް އަނެއްކާ ވެސް، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) މުބާރާތްތަކުގެ ހާއްސަ ރެކޯޑެއް ހަދައިފި އެވެ.

ޖޭމްސް، 40، މި ފަހަރު މުގުރާލި ރެކޯޑަކީ، ލެޖެންޑަރީ ތަރި، މައިކަލް ޖޯޑަން، 2003 ވަނަ އަހަރު ގާއިމްކުރި ރެކޯޑެކެެވެ. އެއީ، އެންމެ ގިނަ މެޗުގައި، 30 އަށް ވުރެ ގިނަ ޕޮއިންޓް ސްކޯކޮށްގެން ހެދި ރެކޯޑެކެވެ. އެ ގޮތުން، އެޓަލަންޓާ ހޯކްސް އަތުން ލޭކާސް 119-102 އިން މޮޅުވި މެޗުގައި، ޖޭމްސް 30 ޕޮއިންޓް ސްކޯކުރިއިރު، މިއީ އެންބީއޭ މެޗެއްގައި، ޖޭމްސް 30 ސްކޯކުރި 563 ވަނަ މެޗެވެ.

ޖޭމްސް ބުނީ މައިކަލް ޖޯޑަން އަކީ އޭނާގެ އައިޑަލް އެއް ކަމަށާއި އެ ފަދަ ތަރިއަކާ އެއް ލިސްޓެއްގައި ނަން އޮތުމަކީ ވެސް އޭނާ އަށް އާދަޔާހިލާފު ކާމިޔާބެއް ކަމަށެެވެ.

އުމުރުން އެންމެ 18 އަހަރުގައި، އެންބީއޭ މުބާރާތްތައް ކުޅެން ނުކުތް ޖޭމްސް އުމުރުން 40 އަހަރުގައި ވެސް އެ ލެވަލްގައި ހިފަހައްޓައިި ތާރީހުން ޖާގަހޯދި ޖޭމްސް މި ވަގުތު އަންނަނީ އެހެން ރެކޯޑަކާ ދިމާލަށް ވެސް މިސްރާބު ޖަހަމުންނެވެ. އެއީ އެންބީއޭގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އެވެ.

މި ވަގުތު އެ ލިސްޓުގައި ޖޭމްސް އޮތީ ހަތަރު ވަނައިގަ އެވެ. ޖޭމްސް 1523 މެޗު ކުޅެފައިވާއިރު، ތިން ވަނައިގައި އޮތް ވިންސް ކާޓާ 1541، ދެ ވަނައިގައި އޮތް ކަރީމް އަބްދުލް ޖައްބާރު 1560 އަދި އެއް ވަނައިގައި އޮތް ރޮބަޓް ޕެރިޝް ވަނީ 1611 މެޗު ކުޅެފަ އެެވެ.

ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޖޭމްސް ވަނީ އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި، މިދިޔަ އަހަރުގެ އޮލިމްޕިކްސް ގޭމްސްގައި އެމެރިކާއިން ބާސްކެޓް ބޯޅައިގެ ރަން މެޑަލް ހޯދިއިރު، ޖޭމްސް ވަނީ އެ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު، ޕްރީ ސީޒަަން މެޗެއްގައި ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، ލޭކާސް އިން ނުކުތީ ޖޭމްސް އާއި އޭނާގެ ދަރިފުޅު، ބްރޯނީ ޖޭމްސް އެކުގައި ފުރަތަަމަ ފަހަރަށް ރަސްމީ މެޗެއްގައި ހިމަނައިގެންނެވެ. މީގެ ކުރިން ބައްޕަ އާއި ދަރިފުޅު، އެންބީއޭ ލެވަލްގެ އެއްވެސް މެެޗެއްގައި އެކުގައި ކުޅެފައި ނުވެ އެވެ. އެހެންކަމުން، ޖޭމްސް ދެބަފައިންނަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެކެވެ.