3 ޖަނަވަރީ 2025 - 06:27 0
3 ޖަނަވަރީ 2025 - 06:27 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 3) - އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ޑެންޒެލް ޑަމްފްރީސް ޖެހި ދެ ގޯލުން 2-0 އިން އެޓަލަންޓާ ބަލިކޮށް އިންޓަ މިލާނުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލު ދެ ވަނަ މެޗުގައި، ޔުވެންޓަސް އިން އޭސީ މިލާނާ ބައްދަލުކުރާއިރު، އެ ތަނުން މޮޅުވާ ޓީމަކާ ދެކޮޅަށް އިންޓަ އިން ތަށި ދިފާއުކުރަން ނުކުންނާނީ މި މަހު ހަ ވަނަ ދުވަހު އެވެ. އިންޓަ އިން މިދިޔަ ފަހަރު ތަށި ހޯދީ ފައިނަލުގައި، ނަޕޯލީ އަތުން 1-0 އިން މޮޅުވެގެންނެވެ.
ކިންގް ސައުދީ ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޑަމްފްރީސް އިންޓަގެ ދެ ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 72 ވަަނަ މިނިޓްގައި އެޓަލަންޓާގެ ބްރެޒިލް މިޑްފީލްޑަރު، އެޑާސަން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ވަނީ މި ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ.
މެޗަށް ފަހު، އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރިނީ ވަނީ ރެފްރީގެ ނިންމުންތަކާ މެދު ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ވީއޭއާރްގެ ބޭނުން މި މެޗުގައި އެންމެ ރަނގަޅަށް ހިފިނަމަ މި މެޗުގެ ނަތީޖާ އަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އަދި މި މެޗުގައި އެޓަލަންޓާގެ ބައެއް ކުޅުންތެރިން ނުލައި ފަށަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަތަކުން ކުޅުންތެރިން ސަލާމަތްކޮށްފައި ބެހެއްޓުމުގެ ގޮތުން ކަމަށް ގަސްޕެރިނީ ވަނީ ބުނެފަ އެވެ.
އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިން މި ނަތީޖާ ނެރެން ޓީމެއްގެ ގޮތުގައި ކުޅެން ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި އެޓަލަންޓާ އަކީ މި ފަހަރުގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅަށް ކުޅެ، ލީގުގެ އެއް ވަނަ މަގާމުގައި އޮތް ޓީމު ކަމަށްވާއިރު، އެ ލެވަލްގެ ޓީމަކާ ދެކޮޅަށް އިންޓަ އިން މި ނެރުނު ނަތީޖާއިން ކުރިއަށްދާން ހިތްވަރެއް ލިބޭނެ ކަމަށް އިންޒާގީ ވަނީ ބުނެފަ އެެވެ.
Comment