2 ޖަނަވަރީ 2025 - 17:14 0
2 ޖަނަވަރީ 2025 - 17:14 0
ފީފާ އިންޓަނޭޝަނަލް އެކުވެރިކަމުގެ މެޗުގައި އިންޑިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު އަތުން 11-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މި ދެ ޓީމު މީގެ ދެ ދުވަސް ކުރިން ކުޅުނު ފުރަތަމަ މެޗުން އިންޑިއާ މޮޅުވީ 14-0 އިންނެވެ. އެހެން ނަމަވެސް، މިއަދުގެ މެޗުގައި ރާއްޖޭން ވަނީ ކުރިން މެޗާ އަޅާކިޔާއިރު، ރަނގަޅަށް ކުޅެފަ އެވެ. އަދި ކުރިން މެޗުގައި ހެދުނު ބައެއް ގޯސްތައް ރަނގަޅުކޮށްފަ އެވެ.
ބެންގަލޫރުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ، މަރިޔަމް ރިފާ އެވެ. މިއީ ރާއްޖޭން މިހާތަނަށް އިންޑިއާއާ އެކު ކުޅުނު އަށް މެޗުގެ ތެރެއިން ޖެހި ފުރަތަމަ ލަނޑެވެ. އިންޑިއާ އިން ހަތް މެޗުން މޮޅުވިއިރު، 2016 ވަނަ އަހަރު އިންޑިއާގައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގައި ރާއްޖޭން ވަނީ އިންޑިއާއާ 0-0 އިން އެއްވަރުކޮށްފަ އެވެ.
އިންޑިއާ އިން މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ 6-1 އިން ކުރީގައި އޮވެ އެވެ. ރާއްޖޭން ލަނޑު ޖެހީ، އިންޑިއާ އިން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވަ އެވެ. މި މެޗުގައި، އިންޑިއާ އިން ލަނޑުތައް ޖެހީ، ލިންޑެއިކިމް ހަތަރު ގޯލާއި ސިމްރަން ދެ ގޯލާއި ކާޖޯލް، ސަންގީތާ، ޕޫޖާ، ސިބާނީ އަދި ބޫމިކާ ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
މީގެ ތެރެއިން ބޫމިކާ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. އެއީ، މެޗުގެ 70 ވަނަ މިނިޓްގައި އިންޑިއާ އިން ގޯލަށް ފޮނުވާލި ބޯޅަ ހުއްޓުވަން ރާއްޖޭގެ މައީޝާ އަބްދުލް ހަންނާން އަތުން ބޯޅައިގައި ޖެއްސުމުން އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކުމަށް ފަހު ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ އަށް ފަހު، ރާއްޖޭން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން، މިވީ 10 އަހަރު އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތްއިރު، އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް މި ފަހަރު ކުޅުނު މި ދެ މެޗަށް ނުކުތީ މި އަހަރު އެ ގައުމުގައި ބޭއްވި ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅަށް ކުޅުނު ހުރިހާ ކުޅުންތެރިން ހިމެނޭހެން ނެގި ސްކޮޑަކުން ނުކުތް ވަރުގަދަ ޓީމަކާ އެކު އެެވެ.
އިންޑިއާ އާއި ރާއްޖޭން މިއަދު ކުޅުނު މެޗުގެ ތެރެއިން.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މި ދެ މެޗު ކުރިން ބުނެފައިވަނީ، އިންޑިއާ މެދުތަކަށް ތައްޔާރުުވުމަށް ލިބުނީ 10 ދުވަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތައްޔާރުވެވުނު އެންމެ ރަނގަޅަކަށް ވުމަށް މަސައްކަތް ކުރި ކަމަށެވެ.
ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ލޯކަލް މުބާރާތެއް ނެތި، ކުޅުންތެރިން ހަމައެކަނި ޕްރެކްޓިސްތަކެއް ކޮށްލައިގެން ކުރިއަށްދިއުމަށް އުނދަގޫ ކަމަށާއި އުންމީދަކީ އަންހެން ފުޓްބޯޅައިގެ މުބާރާތްތަކެއް ބޭއްވިގެންދިއުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ރާއްޖޭން އެކުވެރިކަމުގެ ދެ މެޗު އިންޑިއާއާ ދެކޮޅަށް ކުޅުމުގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ކުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
ޑިސެމްބަރު މަހު ކުރީކޮޅު އިންޑިއާގެ ކޯޗުކަމާ ހަވާލުވި، ސްވިޑެންގެ ޖޮއަކިމް އަލެކްސަންޑަސަން ރާއްޖެއާ ދެކޮޅަށް ކުޅުނު މި ދެ މެޗު ބިނާކުރީ މުސްތަގުބަލަށް އިންޑިއާ އިން އެކުލަވާލާ އެންމެ ވަރުގަދަ ޓީމުގެ މަސައްކަތް ފެށުމަށެވެ.
އެ ގޮތުން، ތަޖުރިބާ ހުރި ކުޅުންތެރިންނާއި އަލަށް ޓީމަށް އައި ކުޅުންތެރިން މި ދެ މެޗުގައި ރަނގަޅަށް ކުޅުނުކަން އޭނާ ފާހަގަކުރި އެވެ.
Comment