Advertisement

އިނގިރޭސި ޓީމަކާ އެކު ވެޓަރަންސް މެޗުތަކެއް ކުޅެން ތާވަލުކޮށްފި

2 ޖަނަވަރީ 2025 - 15:30 0


އިނގިރޭސި ޓީމަކާ އެކު ވެޓަރަންސް މެޗުތަކެއް ކުޅެން ތާވަލުކޮށްފި

2 ޖަނަވަރީ 2025 - 15:30 0

އިނގިރޭސި ވެޓަރަންސް ޓީމަކާ އެކު، ރާއްޖޭގެ ވެޓަރަންސް ކްރިކެޓް ޓީމު ކުޅޭ މެޗުތަކެއް ހިމެނޭ ގޮތަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މި އަހަރުގެ ކަަލަންޑަރު އިއުލާނުކޮށްފި އެވެ.

ސީބީއެމް އިން 7.3 މިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ފާސްކޮށްފައިވާއިރު، ގިނަ ހަރަކާތްތަކަކާއި ލޯކަލް އަދި އިންޓަނޭޝަަނަލް މުބާރާތްތަކެއް ހިމެނޭ ގޮތަށް ކަލަންޑަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ ގޮތުން، ކަލަންޑަރުގައި ހިމަނާފައިވާ އެއް ކަމަކީ، މާޗް 11 އިން 13 އަށް ހިމަނާފައިވާ އިނގިރޭސި ވެޓަރަންސް ޓީމުގެ ޓުއާ މެޗުތަކެކެވެ. އެ ގޮތުން، ރާއްޖޭގެ ވެޓަރަންސް ޓީމާ ދެކޮޅަށް ކުޅޭ މި މެޗާ ބެހޭގޮތުން، ކްރިކެޓް ބޯޑުން ބުނެފައިވަނީ، އެއީ ރާއްޖެ ޒިޔާރާތްކުރާ އިނގިރޭސި ޓީމަކާ ދެކޮޅަށް ކުޅެން ނިންމާފައިވާ އެކުވެރިކަމުގެ މެޗުތަކެއް ކަމަށެވެ.

މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި ވެޓަރަންސް މުބާރާތުގައި ރާއްޖޭގެ ޓީމު ވާދަކޮށް، ސުޕަ ވެޓަރަންސް ކެޓަގަރީން ތަށި ހޯދިއިރު، މާސްޓާސް ކެޓަގަރީން ވަނީ ދެ ވަނަ ހޯދައިފަ އެވެ.

މި އަހަރު އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ދެ މުބާރާތުގައި ގައުމީ ކްރިކެޓް ޓީމުތައް ވާދަކުރާނެ އެވެ. އެ ގޮތުން، އޭސީސީން އާންމުކުރި މި އަހަރުގެ ކަލަންޑަރުގައި އޭޕްރީލް މަހު ކުރިއަށްގެންދަން ނިންމާފައިވާ މެންސް ޗެލެންޖާސް ކަޕްގައި ރާއްޖެ ވާދަކުރާނެ އެވެ. އޭސީސީން 50 އޯވަރުގެ ފޯމެޓަށް ބާއްވާ މި ޗެލެންޖާސް ކަޕްގައި ކުޅޭނީ އޭސީސީގެ އެސޯސިއޭޓް މެމްބަރު ގައުމުތަކުގެ ތެރެއިން 14-24 އަށް ރޭންކުކުރެވިފައިވާ 10 ގައުމެވެ.

މި މުބާރާތް ހޯސްޓްކުރާނެ ގައުމެއް އަދި ތާރީހެއް ފައިނަލްވެފައިނުވި ނަމަވެސް ޗެމްޕިއަނާއި ރަނަރަަޕަށް 2026 ވަނަ އަހަރުގެ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. ރާއްޖޭން ދެން ބައިވެރިވާން ހަމަޖެހިފައިވަނީ، މެއި މަހުގައި ބާއްވަން ނިންމާފައިވާ، އޭސީސީ 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕް އެވެ. އަށް ޓީމެއްގެ މެދުގައި މި މުބާރާތް ކުރިއަށްދާނީ 50 އޯވަރުގެ ފޯމެޓަށެވެ.

ލޯކަލް ކްރިކެޓް ސީޒަނަށް ބަލާއިރު، ގައުމީ 50 އޯވަރުގެ މުބާރާތް ޖެނުއަރީ މަހު ފަށާނެ އެވެ. ރޯދަ މަހު ކުރިއެކޭ އެއްގޮތަށް ކްރިކެޓް ކާނިވަލުގެ ތިން ކެޓަގަރީގެ މުބާރާތް ކުރިއަށްގެންދާއިރު، މެއި މަހު ވެޓަރަންސް ކަޕް ބާއްވާނެ އެވެ. ޖޫން އާއި ޖުލައިގައި ހަ ޓީމާ އެކު، ޓީ20 ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ހަ ޓީމާ އެކު، ޓީ20 ޕްރިމިއާ ލީގު ބާއްވާނެ އެވެ. އަދި އެ އަށް ފަހު، އޮގަސްޓް މަހު، ޕްރެޒިޑެންޓްސް ކަޕް ކުޅޭނެ އެވެ.

މީގެ އިތުރުން، ލ. ކުނަހަންދޫ އާއި ފުވައްމުލަކު ސިޓީގައި ކްރިކެޓްގެ ޓްރެއިނިން އާއި މުބާރާތްތައް ބާއްވަން ވަނީ ކަލަންޑަރުކޮށްފަ އެެވެ.