18 އަހަރުން ފެށިގެން 40 އަހަރަށް އެޅިއިރު ވެސް ޖޭމްސް ބާސްކެޓް ކޯޓުގައި

1 ޖަނަވަރީ 2025 - 12:59 0


18 އަހަރުން ފެށިގެން 40 އަހަރަށް އެޅިއިރު ވެސް ޖޭމްސް ބާސްކެޓް ކޯޓުގައި

1 ޖަނަވަރީ 2025 - 12:59 0

ލޮސް އެންޖެލްސް، އެމެރިކާ (ޖެނުއަރީ 1) - އުމުރުން އެންމެ 18 އަހަރުގައި، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) މުބާރާތްތައް ކުޅެން ނުކުތް ލެބްރަން ޖޭމްސް އުމުރުން 40 އަހަރުގައި ވެސް އެ ލެވަލް ހިފަހައްޓައިި ތާރީހުން ޖާގަހޯދައިފި އެވެ.

ޖޭމްސް، އެންމެ ފުރަތަމަ އެންބީއޭ މުބާރާތް ކުޅެން ފެށީ އުމުރުން އެންމެ 18 އަހަރުގައި 2003 ވަނަ އަހަރު އެވެ. އަދި، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އޭނާ އަށް 40 އަހަރު ފުރުނުއިރު، ލޮސް އެންޖަލަސް ލޭކާސް އިން ކްލެވަލެންޑް އަތުން ބަލިވި މެޗުގައި އޭނާ ވަނީ ކުޅެފަ އެވެ. މިއާ އެކު، ބާސްކެޓްބޯޅަ ތާރީހުން އަނެއްކާ ވެސް ޖޭމްސް އަށް ހާއްސަ ޝަރަފެއް ލިބިގެންދިޔައީ އެވެ.

ކްލެވަލެންޑުން ލޭކާސް ބަލިކުރީ 122-110 ޕޮއިންޓުންނެވެ. އެ މެޗުގައި، ޖޭމްސް ވަނީ ލޭކާސް އަށް 23 ޕޮއިންޓް ސްކޯކޮށްދީފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކަަމަށް ގިނަ ބަޔަކު ބުނާ ޖޭމްސް ވަނީ މިދިޔަ އަހަރު ތެރޭގައި އެންބީއޭގައި އެންމެ ގިނަ ޕޮއިންޓް ސްކޯކުރި ކުޅުންތެރިޔާގެ ރެކޯޑް ވެސް ގާއިމްކޮށްފަ އެވެ.

ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޖޭމްސް ވަނީ އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި، މިދިޔަ އޮލިމްޕިކްސް ގޭމްސްގައި އެމެރިކާއިން ބާސްކެޓް ބޯޅައިގެ ރަން މެޑަލް ހޯދިއިރު، ޖޭމްސް ވަނީ އެ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފަ އެވެ.