Advertisement

ރައީސް މުއިއްޒުގެ ދަތުރާ ދިމާކޮށް ޔޫކޭގައި ހުންނަ ހައިކޮމިޝަނު މަރާމަތު ކުރި ކަމަށް ބުނުމަށްފަހު ޕޯސްޓު ޑިލީޓުކޮށްފި

31 ޑިސެންބަރު 2024 - 20:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސްގެ ނުރަސްމީ ދަތުރުގެ ތެރެއިން ޔޫކޭ ހައި ކޮމިޝަނަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: ޔޫކޭ ހައިކޮމިޝަން


ރައީސް މުއިއްޒުގެ ދަތުރާ ދިމާކޮށް ޔޫކޭގައި ހުންނަ ހައިކޮމިޝަނު މަރާމަތު ކުރި ކަމަށް ބުނުމަށްފަހު ޕޯސްޓު ޑިލީޓުކޮށްފި

31 ޑިސެންބަރު 2024 - 20:05 0

ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރާ ދިމާކޮށް އެ ގައުމުގެ ވެރިރަށް ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މަރާމާތުކުރި ކަމަށް ބުނުމަށްފަހު، އެ ޕޯސްޓު ޑިލީޓުކޮށްފި އެވެ.

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖީދާ މުހައްމަދު ޔޫކޭ އަށް ވަޑައިގެންނެވީ ނޮވެމްބަރު 21، އިން 29، އަށެވެ. ނުރަސްމީ ދަތުރެއް ކަމުން ހަފުތާއެއްހާ ދުވަހު ރައީސްގެ ދެކަނބަލުން ޔޫކޭގައި ކުރެއްވި ކަންކަމުގެ ތަފުސީލެއް ރައީސް އޮފީހުން އަދި ހާރިޖިއްޔާއިން ވެސް އާންމެއް ނުކުރެ އެވެ.

ދަތުރަށް މަހެއްހާ ދުވަސް ވެފައިވަނިކޮށް މިއަދު ޔޫކޭ ހައި ކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓެއްގައި ބުނެފައިވަނީ، ރައީސްގެ ދަތުރާ ދިމާކޮށް މަރާމާތުކުރީ އެ އިމާރަތުގައި ހުންނަ މެހެމާނުންގެ ކޮޓަރި ކަމަށެވެ. މި މަސައްކަތް ކުރީ ކޮމިޝަނުގެ މުވައްޒަފުން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި އޮތެވެ.

ޕޯސްޓުގައި ކޮމިޝަނުން ވަނީ ރައީސްގެ ނުރަސްމީ ދަތުރުގެ ތެރެއިން ކޮމިޝަނަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވާ ނެގި ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް މި ޕޯސްޓު މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑިލީޓުކޮށްފަ އެވެ.

މި ޕޯސްޓާއެކު ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ވެސް ކިޔައިފަ އެވެ. ނަމަވެސް ގިނަ ބަޔަކަށް ޕޯސްޓު ހިއްސާކުރެވުމުގެ ކުރިން ވަނީ ޑިލީޓުކޮށްލާފަ އެވެ.

ޑިލީޓުކުރި ނަމަވެސް ޕޯސްޓުގެ ސްކްރީންޝޮޓުތައް ދަނީ ދައުރުވަމުންނެވެ. އަދި، އަހަރުގެ ފަހު ދުވަހު މިފަދަ ޕޯސްޓެއް ކުރުމުން މިއީ ކޮމިޝަނުން މި އަހަރު ކުރި އެންމެ ކާމިޔާބު މަސައްކަތުގެ ގޮތުގައި ސިފަކޮށް ބައެއް މީހުން ވަނީ އެ ޕޯސްޓަށް މަލާމަތް ވެސް ކޮށްފަ އެވެ.