Advertisement

އިންޑިއާ އަންހެން ޓީމުން 14 ގޯލުން ރާއްޖެ ބަލިކޮށްފި

30 ޑިސެންބަރު 2024 - 17:06 0


އިންޑިއާ އަންހެން ޓީމުން 14 ގޯލުން ރާއްޖެ ބަލިކޮށްފި

30 ޑިސެންބަރު 2024 - 17:06 0

ފީފާ އިންޓަނޭޝަނަލް އެކުވެރިކަމުގެ މެޗެއްގައި މިއަދު އިންޑިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު އަތުން 14-0 އިން ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ، މިހާ ފަރަގު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ރާއްޖެ ބަލިވި ދެ ވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފުރަތަމަ މީގެ 10 އަހަރު ކުރިން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 15-0 އިންނެވެ. ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން، މިވީ 10 އަހަރު އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތްއިރު، އިންޑިއާ އިން މިއަދުގެ މެޗަށް ނުކުތީ މި އަހަރު އެ ގައުމުގައި ބޭއްވި ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅަށް ކުޅުނު ހުރިހާ ކުޅުންތެރިން ހިމެނޭހެން ނެގި ސްކޮޑަކުން ނުކުތް ވަރުގަދަ ޓީމަކާ އެކު އެެވެ.

ރާއްޖެ އާއި އިންޑިއާ އިން ދެ އަހަރު ފަހުން، ބައިނަލްއަގުވާމީ ކުރިމަތިލުމަކަށް ނުކުތް މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ އަށް ގޯލު ޖަހައިފަ އެވެ. ބާކީ ގޯލުތައް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އެ ގޮތުން، އިންޑިއާގެ ލަނޑުތައް ޖަހައިފައިވަނީ، ލިންޑާ ކޮމް ހަތަރު ގޯލާއި ޕިޔާރީ ޒާޒާ ތިން ގޯލާއި، ނޭހާ އާއި ކާޖޮލް ޑި ސޫޒާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ސަންގީތާ ބަސްފޯރު، ރަންޖަނާ ޗަނޫ އަދި ރިމްޕާ ހަލްދާރު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

އަންހެން ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ ވަނީ ހަ ފަަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން އިންޑިއާ މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، 0-0 އިން އެއްވަރުވި މެޗަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި މި ދެ ޓީމު ބައްދަލުކުރި މެޗެވެ. އިންޑިއާ އިން ރާއްޖެ ބަލިކުރި މެޗުތަކަކީ، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި 15-0 އިން ރާއްޖެ ބަލިވި މެޗާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 8-0 އިން ބަލިވި މެޗާއި 2019 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 6-0 އިން ބަލިވި މެޗާއި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 5-0 އިން ބަލިވި މެޗުގެ އިތުރުން 2022 ވަަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 9-0 އިން ނިމުނު މެެޗެވެ.

އިންޑިއާ އާއި ރާއްޖެ ދެން ކުޅޭ މެޗު އޮތީ، އަންނަ ބުރާސްފަތި ދުވަހު އެވެ.