30 ޑިސެންބަރު 2024 - 13:13 0
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް: އޭނާ މަގާމުގައި މިހާރު ފުރިހަމަަ ކުރަމުން އަންނަނީ ދެ ވަނަ ދައުރު.-- ފޮޓޯ: އަދަދު
30 ޑިސެންބަރު 2024 - 13:13 0
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންނަ އަހަރަށް 7.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
މިއީ، މިދިޔަ އަހަރަށް ފާސްކުރި ވަރަށް ވުރެ 1.2 މިލިއަން ރުފިޔާ އިތުރު ބަޖެޓެެކެވެ. މިދިޔަ އަހަރަށް ކްރިކެޓް ބޯޑުން ފާސްކޮށްފައިވަނީ، 6.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ބަޖެޓް ޖަލްސާގައި ބަޖެޓް ފާސްކުރެވުނީ ހާޒިރުވި ކްލަބްތަކުގެ އަގުލަބިއްޔަތުންނެވެ.
އެ ގޮތުން، ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދަށް ދާދި ފަހުން ގެނެވުނު އިސްލާހުތަކާ އެކު، ބޯޑުގެ ކުރިއަށް އޮތް އަހަރުގެ ބެޖެޓް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފާސްކުރަން ޖެހެ އެވެ. އެހެންކަމުން، އަސާސީ ގަވާއިދުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓް މި ވަނީ ފާސްކުރެވިފަ އެވެ.
އަންނަ އަހަރަށް ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓު ކަމަށްވާ 7.38 މިލިއަން ރުފިޔާ އަށް ބަލާއިރު، އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރަނީ 7.17 މިލިއަން ރުފިޔާ އެވެ.
ކްރިކެޓް ބޯޑުން މައުލޫމާތު ދޭ ގޮތުގައި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ މައިގަނޑު އަމާޒަކީ ޖޫނިއާ ކްރިކެޓްގެ ހަރަކާތްތައް ފުޅާކުރުމުގެ އިތުރުން، ކްރިކެޓް ތަރައްގީ ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ގާއިމުކުރުމެވެ.
ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި، މުހައްމަދު ފައިސަލް ވިދާޅުވީ، ހިންގާ ގަވައިދަށް ގެނެވުނު ބަދަލާ އެކު، އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރާގޮތަށް ހަމަޖެހުމަކީ، ބޯޑު ހިންގުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ކްރިކެޓް ބޯޑުގެ ފައިސާ ބެލެހެއްޓުމާއި، ޙަރަދުކުރުމުގެ ނިޒާމް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.
"އަންނަ އަހަރު ޖޫނިއާ ކްރިކެޓަށް ހާއްސަ ކުރެވިގެން އާ ދެ ކަމެއް ކުރުމަށް ބަޖެޓް ކުރެވިފައިވާނެ. އެއީ ކްރިކެޓް އެކަޑަމީގެ މަސައްކަތްތައް ފެށުމާއި އާ ކްރިކެޓަރުން އުފެއްދުމާއި، ކްރިކެޓް ފުޅާ ކުރުމަށް ހިންގޭ "ސީޑްސް ޕްރޮގްރާމް" ފެށުމަށްޓަކައި. މީގެ އިތުރުން ކްރިކްޓް ތަރައްގީ ކޮށް ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރުމަށް ހަރަދުތަކެއް ކުރެވޭނެ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަމާޒަކީ ކްރިކެޓް ބޯޑުގެ މިހާރުގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރުގައި، ނަތީޖާ ނެރުމަށް އިތުރަށް ފޯކަސް ވެގެން ރަނގަޅު މަސައްކަތްތަކެއް ކުރުން ކަމަށެވެ.
Comment