30 ޑިސެންބަރު 2024 - 13:04 3
އަމަން ހަލީމް
ގަވާއިދުން އޮޑިޓު ނުކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ގިނަ ކުންފުނިތައް: މީގެ ތެރެއިން ޕީއެސްއެމް އާއި އާރުޑީސީން ފާއިތުވި ތިން އަހަރުގެ އޮޑިޓުތައް ނުނިންމާއިރު ފެނަކައިގެ އޮޑިޓުތައް ނުނިންމާތާ ދެ އަހަރު ވެއްޖެ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
30 ޑިސެންބަރު 2024 - 13:04 3
ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ އަދި މާލީ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ގިނަ ދައުލަތުގެ ކުންފުނިތައް ގަވާއިދުން އޮޑިޓު ނުކުރާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ "އެސްއޯއީ އޮޑިޓު ސްޓޭޓަސް" މައުލޫމާތުގައިވާ ގޮތުގައި, ދައުލަތުން ހިއްސާވާ 31 ކުންފުނީގެ ތެރެއިން 11 ކުންފުންޏަކުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އޮޑިޓުތައް ހައްދާފަ އެވެ. އަދި ނުވަ ކުންފުންޏަކުން ވަނީ 2022 އާ ހަމައަށް އޮޑިޓުތައް ހަދާފަ އެވެ.
ބާކީ ހުރި ކުންފުނިތަކުގެ ތެރޭގައި ހުރީ ފާއިތުވި ދެ އަހަރާއި ތިން އަހަރުގެ އޮޑިޓު ނުކުރާ ކުންފުނިތަކެވެ. ގިނައީ 2022 އާއި މިދިޔަ އަހަރުގެ އޮޑިޓުތައް ނުހަދާ ކުންފުނިތަކެވެ. އެ ކުންފުނިތަކަކީ:
ތިން އަހަރުގެ އޮޑިޓުތައް ނުހަދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހާއްސަ އޮޑިޓަކުން ހާމަވީ ގޮތުގައި އެ ކުންފުންޏަށް ޑޮލަރު ގަތުމުގެ ނަމުގައި އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވެ އެވެ.
ޕީއެސްއެމްގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައިގައި ތުހުމަތުކުރެވެނީ އެ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު އަހުމަދު ހަނީފަށެވެ. މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގުކުރަމުންނެވެ.
މި ލިސްޓުގައި ދެން ހިމެނޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ 14 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ މައްސަލައެއް މިހާރު ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި ފައިސާ ބޭނުންކުރީ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ޕެޓީ ކޭޝްގެ ގޮތުގައި ކަމަށް ބުނެ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންއަށެވެ. އަދި އެމްޑީޕީގެ އިސްވެރިންތަކެއްގެ ބައިވެރިވުން ވެސް އޮތް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ދެ އަހަރުގެ އޮޑިޓުތައް ނުނިންމާ ހުރި ލިސްޓުގައި ހިމެނޭ ފެނަކައަކީ ކުންފުނި އުފެދުނީއްސުރެން މިއަދާ ހަމައަށް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގައި ގިނައީ ޕްރޮކިޔުމަންޓުގެ ނަމުގައި ހިންގާ ވައްކަންތަކެވެ.
މިފަހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޕްރޮކިޔުމަންޓް ހެޑު މަރިޔަމް ދީނާ ސާލިމުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
ގަވާއިދުން އޮޑިޓު ނުކުރާ ކުންފުނިތަކުގެ ލިސްޓުގައި ދެން ހިމެނޭ ކުންފުނިތަކަކީ ވެސް އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައިވާ ކުންފުނިތަކެވެ. އަދި މިއީ ކުންފުނިތަކަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ދައުލަތުގެ ބަޖެޓުން ސީދާ ފައިސާ ހަރަދުކޮށްގެން ހިންގުމުގެ ހަރަދުތައް ހަމަޖައްސާ ކުންފުނިތަކެވެ.
އޭގެ ތެރޭގައި އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެ އެވެ.
Comment