Advertisement

އާރުޑީސީ މައްސަލާގައި މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ): އޭނާ އަދި އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ --- ފޮޓޯ: އަދަދު


އާރުޑީސީ މައްސަލާގައި މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ ޓީމުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމަށް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށާއި އެކަން މިހާރު އެ ދެ މީހުންނަށް އަންގާފައިވާ ކަމަށެވެ.

މޫކޭ އާއި ޔާސިރަކީ މި މައްސަލާގައި އެންމެ ފުރަތަމަ ވެސް ތުހުމަތު ކުރި ދެ މީހުންނެވެ. ނަމަވެސް މި މައްސަލަ ބަލަން ފެށިކަމާއި އެ ދެ މީހުންނަށް ތުހުމަތު ކުރެވޭކަން ފުލުހުން ހާމަކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ތަހުގީގުގެ މާބޮޑު މަސައްކަތެއް ފުލުހުން މީޑިއާއަކާ ހިއްސާ ނުކުރެ އެވެ.

ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުލުހުންގެ ޓީމުތަކަކުން މޫކޭ އާއި ޔާސިރު ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވެ އެވެ. އެގޮތުން މޫކޭގެ ގެ ފާސްކުރުމަށް ނެރުނު ކޯޓު އަމަރުގައި ރިއާޔަތްކޮށްފައި އޮތީ ފުލުހުންގެ އިންޓެލިޖަންސް ރިޕޯޓަކަށް އެކަންޏެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފާއިވާ ކަމަށެވެ.

މި މައްސަލައިގައި ހެކި ހޯދަން ފުލުހުން އާރުޑީސީ އަށް ވަނީ ރިޔާސީ އިންތިހާބަށް ފަހު، ނޮވެމްބަރު 14، 2023، ގަ އެވެ.

އޭގެ އެއް އަހަރު ފަހުން ކޯޓު އަމުރެއްގެ ދަށުން ހެކި ހޯދަން ފުލުހުން މަސައްކަތް މި ފެށީ، މި ސަރުކާރުގެ ހިޔާނާތާއި ވައްކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރި، އެފަދަ ބައެއް މައްސަލަތައް ބަލަން ފަށާފައި ވަނިކޮށެވެ.

މޫކޭ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ފުލުހުންގެ މި މަސައްކަތްތައް ސިފަކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ، މި ފަހުން ފެންމަތިވި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތް އޮއްބާލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.

އާރުޑީސީގެ މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ފުލުހުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރާ ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

އާރުޑީސީއާ ގުޅޭ މައްސަލަތަކާ ގުޅިގެން މޫކޭ ކުރިން ވިދާޅުވެފައި ވަނީ ޓްރާންސްފާކުރި ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާފައިވާ ފައިސާ ކަމަށެވެ. އޭރު ރަށްރަށުގައި ހުރި ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000ރ. ޖަމާކުރާ ކަމަށާއި ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް މޫކޭ ވިދާޅުވެފައިވެ އެވެ.