Advertisement

އާރުޑީސީގެ މައްސަލައިގައި ތިން ގެއެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

27 ޑިސެންބަރު 2024 - 06:55 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓު ރޭ މެންދަމު ފުލުހުން ބަލައި ފާސްކުރަމުން ދިޔައިރު ފުލުހުން އެތަނުގެ ދޮރުމަތީގައި ފޯރިއަށް. -- ފޮޓޯ: އަދަދު


އާރުޑީސީގެ މައްސަލައިގައި ތިން ގެއެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

27 ޑިސެންބަރު 2024 - 06:55 1

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ކަމަށް ބުނެ، ރޭ މެންދަމު ތިން ގެއެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި އެވެ.

އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އާރުޑީސީ އާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ތަން އަދި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް، ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފާ ކަމަށެވެ.

މި މައްސަލައިގައި ހެކި ހޯދަން ފުލުހުން އާރުޑީސީ އަށް ވަނީ ރިޔާސީ އިންތިހާބަށް ފަހު، ނޮވެމްބަރު 14، 2023، ގަ އެވެ.

އޭގެ އެއް އަހަރު ފަހުން ކޯޓު އަމުރެއްގެ ދަށުން ހެކި ހޯދަން ފުލުހުން މަސައްކަތް މި ފެށީ، މި ސަރުކާރުގެ ހިޔާނާތާއި ވައްކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރި، އެފަދަ ބައެއް މައްސަލަތައް ބަލަން ފަށާފައި ވަނިކޮށެވެ.

ފުލުހުން ބުނި ގޮތުން ކޯޓު އަމުރުގެ ދަށުން ރޭ މެންދަމު 1:30 ހާއިރު ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓެއްގެ އިތުރުން، އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންއަށް ނިސްބަތްވާ ދެ ގެއެކެވެ. އޭގެ އިތުރުން، މޫކޭގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓު ވެސް ރޭ ފުލުހުން ބަލައި ފާސްކޮށް ލެޕްޓޮޕެއް ގެންދިޔަ ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

މޫކޭގެ އެޕާޓުމެންޓުން ގެންދިޔައީ އޭނާގެ ފޯނެވެ. އަދި ޔާސިރުގެ ގެތައް ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕެއް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އާރުޑީސީއާ ގުޅޭ މައްސަލަތަކާ ގުޅިގެން މޫކޭ ކުރިން ވިދާޅުވެފައި ވަނީ ޓްރާންސްފާކުރި ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާފައިވާ ފައިސާ ކަމަށެވެ. އޭރު ރަށްރަށުގައި ހުރި ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000ރ. ޖަމާކުރާ ކަމަށާއި ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް މޫކޭ ވިދާޅުވެފައިވެ އެވެ.