Advertisement

އާރުޑީސީގެ މައްސަލަ ބަލަން ފެށިތާ އެއް އަހަރު ފަހުން ހެކި ހޯދަން ފުލުހުން މޫކޭގެ ގެއަށް ވަދެއްޖެ


އާރުޑީސީގެ މައްސަލަ ބަލަން ފެށިތާ އެއް އަހަރު ފަހުން ހެކި ހޯދަން ފުލުހުން މޫކޭގެ ގެއަށް ވަދެއްޖެ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ދާދި ދެންމެ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެއަށް ފުލުހުން ވަދެއްޖެ އެވެ.

ކޯޓު އަމުރެއްގެ ދަށުން މިރޭ މެންދަމު 1:30 ހާއިރު ފުލުހުން ވަނީ ގ. ދިލްކަޝް ގެއަށެވެ. އެ ގެއަށް ގާތްގަނޑަކަށް ދިހަ ވަރަކަށް ފުލުހުން ވަނެވެ. އެ ގޭގެ އަށް ވަނަ ފްލޯގައި ހުންނަ އެޕާޓްމަންޓެއްގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ ސެޕްޓެމްބަރު، 2022، ގަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހެކި ހޯދަން ފުލުހުން އާރުޑީސީ އަށް ވަނީ ރިޔާސީ އިންތިހާބަށް ފަހު، ނޮވެމްބަރު 14، 2023، ގަ އެވެ.

އާރުޑީސީގެ މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ފުލުހުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން ނުކުރެ އެވެ.

އާރުޑީސީއާ ގުޅޭ މައްސަލަތަކާ ގުޅިގެން މޫކޭ ކުރިން ވިދާޅުވެފައި ވަނީ ޓްރާންސްފާކުރި ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާފައިވާ ފައިސާ ކަމަށެވެ. އޭރު ރަށްރަށުގައި ހުރި ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000ރ. ޖަމާކުރާ ކަމަށާއި ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް މޫކޭ ވިދާޅުވެފައިވެ އެވެ.

މިފަހަރު މޫކޭގެ ގެއަށް ފުލުހުން މި ވަނީ، އެޗްޑީސީގެ ހިޔާނާތުގެ މައްސަލަތައް ފަޅާލައި، ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.