Advertisement

ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވުމުން ވަރަށް އުނދަގޫތައް ދިމާވި

26 ޑިސެންބަރު 2024 - 10:43 0


ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވުމުން ވަރަށް އުނދަގޫތައް ދިމާވި

26 ޑިސެންބަރު 2024 - 10:43 0

މެޑްރިޑް (ޑިސެމްބަރު 26) - އެތުލެޓިކޯ މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރެ ވީ 13 ވަރަކަށް އަހަރު ތެރޭ ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ތަޖުރިބާ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ދެ ފަހަރެއްގެ މަތިން ބަލިވުން ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

އެތުލެޓިކޯ އަށް ކުރިން ކުޅުނު ސިމިއޯނީ އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ޓީމާ އެކު، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ކުޅެ ވަނީ ބަލިވެފަ އެވެ.

"އަހަރެން އަބަދުވެސް ބުނަން ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރަން ވެއްޖިއްޔާ ޖެހޭނެއޭ 90 މިނިޓް، 120 މިނިޓް ނޫނީ ޕެނަލްޓީ މި ތިން ހާލަތަށް ވެސް ފޯކަސް ބަހައްޓައިގެން ކުޅެން. އަހަރެމެން މި ހުރިހާ ހިތްދަތި ތަޖުރިބާތަކެއް ކުުރިން، ވަރަށް އުނދަގޫވި އަރައިގަންނަން،" ސިމިއޯނީ ބުންޏެވެ.

އެ ގޮތުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި، އެތުލެޓިކޯ އިން 1-0 އިން ލީޑުގައި އޮއްވައި، އިތުރު ވަގުތުގައި ސާޖިއޯ ރާމޯސް ލަނޑު ޖަހައި، އެއްވަރުކޮށް، އިތުރު ވަގުުތުގެ ދެ ހާފް ކުޅެގެން ވަނީ 4-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފައިނަލުުގައި، ރެއާލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

"ދެ ވަނަ ފައިނަލުގައި ރެއާލް އަތުންވީ ބަލިން ވަރަށް އަސަރުކުރި، އަހަރެން ވަރަށް ދެރަވި، އަމިއްލަ ނަފްސާ ސުވާލު ވެސް ކުރެވުނު، އިތުރަށް ވަޒީފާގައި ދެމިހުރުމުގެ ހަކަތަ އަހަރެންގެ ގައިގައި ހުރިތޯ،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ބުނީ، އޭނާ ކޯޗެއްގެ ގޮތުގައި ކުރާ ހިތްދަތި ތަޖުރިބާތަކުން އަރައިގަނެ، ރަނގަޅު މިސްރާބުން ދާން އެންމެ ބޮޑު ރޯލެއް ކުޅެނީ އާއިލާ އިން ކަމަށެވެ.

މި ވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމާ މެދު ސިމިއޯނީ ބުނީ، ޓީމެއްގެ ގޮތުގައި އަދިވެސް ކުރަން ޖެހޭ މަސައްކަތް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.