Advertisement

އޮލްމޯ ރަޖިސްޓްރީކުރަން ބާސެލޯނާގެ ޕްލޭން-ބީ އަކީ ވީއައިޕީ ބޮކްސް ވިއްކާލުން

about 14 hours 1


އޮލްމޯ ރަޖިސްޓްރީކުރަން ބާސެލޯނާގެ ޕްލޭން-ބީ އަކީ ވީއައިޕީ ބޮކްސް ވިއްކާލުން

about 14 hours 1

ބާސެލޯނާ (ޑިސެމްބަރު 25) - ބާސެލޯނާ އިން މި ސީޒަނުގައި ގަތް ސްޕެއިނުގެ މިޑްފީލްޑަރު ޑެނީ އޮލްމޯގެ ރަޖިސްޓްރޭޝަން ކަންކަން ނިންމަން ބާސެލޯނާގެ މެނޭޖްމަންޓުން ގެންގުޅޭ ޕްލޭން ބީ އަކީ އެ ކްލަބްގެ ސްޓޭޑިއަމް ކޭމްޕް ނޯގެ ވީއައިޕީ ބޮކްސް ވިއްކާލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން ވަނީ އޮލްމޯ ގަންނަން ލައިޕްޒިގަށް 65 މިިލިއަން ޑޮލަރު ޖުމްލަ އެކު ދައްކަން ނިންމައިފަ އެވެ. އޮލްމޯގެ ޑީލްގެ ފައިސާތައް ދެ އަހަރަށް ބަހާލައިގެން ދައްކަން، ބާސެލޯނާ އިން އެއްބަސްވީ އެ ކްލަބްގެ މާލީ ހާލަތަށް ބަލައިފަ އެވެ.

އެކަމަކު، ސްޕެނިޝް ލަލީގާގެ ގަވާއިދުގެ ތެރެއިން އޮލްމޯ ރަޖިސްޓްރީ ކުރަން ބާސެލޯނާ އަށް އެންމެ ފުރަތަމަ ދުވަހުން ވެސް މައްސަލަ ދިމާވި އެވެ. އެއީ، އޭނާގެ ކޮންޓްރެކްޓް ހިނގާ ހަ އަހަރުގެ މުއްދަދަށް އެކަށޭނެ މިންވަރަށް ބާސެލޯނާގެ މާލީ ހާލަތު މި ވަގުތު ތަން ނުދޭތީ އެވެ. އެކަމަކު، ލަލީގާ އިން ވަނީ ކުޅުންތެރިއާގެ ހައްގަށް ވިސްނުމަށް ފަހު، ރަޖިސްޓްރޭޝަން ނިންމަން، އޮގަސްޓުން ފެށިގެން މި މަހުގެ ނިޔަލަށް ފުރުސަތު ދީފަ އެެވެ. އެހެން ނަމަވެސް އަދި ވެސް މި ކަމަށް ހައްލެއް ނުލިބެ އެވެ.

އޮލްމޯގެ ރަޖިސްޓްރީ ކަންކަން މި ވަގުތަށް ހައްލެއް ހޯދަން ބާސެލޯނާ އިން ވަނީ ސްޕެއިނުގެ ކޯޓެއް މެދުވެރިކޮށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެއީ، މި ސީޒަނުގެ ނިޔަލަށް، އޮލްމޯގެ ރަޖިސްޓްރޭޝަން ވަގުތީ ގޮތުން ހަމަޖެއްސުން ނޫނީ ބާސެލޯނާގެ ކީޕަރު، މާކް އަންދްރޭ ސްޓެގެންގެ ޖާގަ އޮލްމޯ އަށް ދިނުމަށެެވެ. މި ކަމާ ގުޅޭގޮތުން، ހުކުރު ދުވަހު ކޯޓުން ގޮތެއް ނިންމާނެ އެވެ.

ކޯޓުން ބާސެލޯނާއާ ދެކޮޅަށް ނިންމައިފިނަމަ، ޕްލޭން ބީއެއްގެ ގޮތުގައި އޮތީ، ބާސެލޯނާގެ ސްޓޭޑިއަމްގެ ވީއައިޕީ ބޮކްސް ޕްރައިވަޓައިޒް އުސޫލުން ކުރިއަށް ގެންދަން ބަޔަކަށް ވިއްކާލުމެވެ. އެ ގޮތަށް ނިންމަން ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ، އެ ކްލަބް ބޯޑަށް ހުށަހަޅާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ހަތަރު އަހަރަށް ވީއައިޕީ ބޮކްސް ވިއްކާލައިގެން، 100 މިލިއަން ޑޮލަރަށް ވުރެ އިތުރު އާމްދަނީއެއް ހޯދަން ވަނީ އަމާޒުހިފައިފަ އެވެ.