Advertisement

ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީއަށް

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް: ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީއަށް ވަނީ އަންގާފައި -- ފޮޓޯ؛ ރައީސް އޮފީސް


ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީއަށް

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެއްދި މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އޭސީސީއަށް އެ މައްސަލަ ހުށަހެޅީ ނޮވެމްބަރު 17، 2018 އިން ފެށިގެން ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ދައުލަތުން އެކި މީހުންނާއި ވިޔަފާރިތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދީރާސާ ކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.

"އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިޢާޔަތްކުރުމަށް ފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ޑިސެމްބަރު 17، ގައި ދަންނަވާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނީ އެ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން އެ އޮފީހާ މަޝްވަރާ ކުރަމުން ގެންދިއުމަށް އޭސީސީގައި އެދިފައިވާނެ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާ ކޮށްފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އަދި އެކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ސެޓްލްމަންޓް އެއްބަސްވުންތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އޭޖީ އޮފީހުން ވަނީ އުސޫލުގެ ދަށުން ހެދި ނުވަ އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ.

އޭޖީން ބުނީ އެ އެއްބަސްވުންތައް ބާތިލުކަމަށް ނިންމީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެއްދި މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަކީ ގާނޫނީ ހައިސިއްޔަތާއި ބާރު ލިބޭ އުސޫލަކަށް ނުވާތީ ކަމަށެވެ.