Advertisement

އައްޑޫ ކަނޑަށް ގެއްލުނު މީހާ ހޯދުން މެދުކަނޑާލިކަމަށް ބުނެވުނީ އޮޅިގެން: އެމްއެންޑީއެފް

ސިފައިންގެ ކޯސްޓުގާޑު އުޅަނދެއް މާލެ ކައިރިން ދުއްވަނީ ---


އައްޑޫ ކަނޑަށް ގެއްލުނު މީހާ ހޯދުން މެދުކަނޑާލިކަމަށް ބުނެވުނީ އޮޅިގެން: އެމްއެންޑީއެފް

އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ހުރި ނޭޕާލުގެ ފަޅުވެރިޔަކު ފުވައްމުލަކާއި އައްޑޫއާ ދެމެދު ކަނޑަށް ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަން މެދުކަނޑާލި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ސިފައިން ބުނެފި އެވެ.

ރާޖު ކުމާރު ނަމަކަށް ކިޔާ މި މީހާ ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކުރީ ޑިސެމްބަރު 17، ގަ އެވެ. އޭނާ ގެއްލުނީ ޑިސެމްބަރު 16، ގެ ރޭ ދަންވަރު ކަމަށް ބެލެވޭ ކަމަށް ސިފައިން ބުނެ އެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިއްޔެ ހަވީރު އެމްއެންޑީއެފްގެ މީޑިއާ ޓީމުން ފޮނުވި މެސެޖުގައި ބުނީ، އެ މީހާ ހޯދުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. ސަބަބެއް ނުބުނެ އެވެ.

ނަމަވެސް، ރޭ 9:30 ހާއިރު ފޮނުވި އިތުރު މެސެޖެއްގައި ސިފައިންގެ އޮފިޝަލުން ބުނީ، ކުރީގެ މެސެޖުގައި އޮޕަރޭޝަން ހުއްޓާލި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.

އަދި، މިއަދުވެސް އޮޔާއެކު އޭނާ އޮވެދާނެ ކަމަށް ބެލެވޭ ތަންތަން ބަލާފައިވާ ކަމަށާއި މިކަމާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ ވެސް މުއާމަލާތް ކުރަމުންދާ ކަމަށް ސިފައިން ބުންޏެވެ.

މި އޮޕަރޭޝަނުގައި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދާއި އައްޑޫ ކަނޑުގެ 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ. މިހާތަނަށް އެ މީހާ ފެނިފައިނުވާއިރު މުޅި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަނޑުމަގުން ކަމަށް ސިފައިން ބުނެ އެވެ.

މިއާއެކު، ސަވޭލަންސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް މި އަހަރު ކުރީކޮޅު ގަތް ޑްރޯންތައް ބޭނުން ނުކުރީ ކީއްވެތޯ އެހުމުން އެމްއެންޑީއެފް އިން ޖަވާބެއް ދީފައެއް ނުވެ އެވެ.