ހުޅުމާލެ ފޭސް 2.
މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ދިން މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު "ހޫނު ފެނަށް" ވެއްޓިއްޖެ އެވެ.
މި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.
މި ގޮތަށް ދޫކޮށްފައި ހުރި އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދެވެ. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
ބިންވެރިޔާ ސްކީމުގެ ލިސްޓުގެ "އަދަދު" އިން ބެލިއިރު، އެ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެކަމަކު ބިންވެރިޔާ އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވަ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް އޭނާ ތުހުމަތުކުރީ އެޗްޑީސީގެ އެމްޑީ ފަޒުލްއަށެވެ. މިހާރު ވެސް މިކަން ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ.
އެޗްޑީސީ މެދުވެރިކޮށް މިފަދަ އެތައް ކޮރަޕްޝަނެއް ހިންގާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އެކުލެވޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މިހާތަނަށް މިއިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ ކަމަށް އަދި ނުބަލާ ކަމަށް ވެސް ނުބުނެ އެވެ. މިއިން އެއްވެސް މައްސަލައެއް ބަލަމުންދޭތޯ ސާފުކުރަން "އަދަދު" އިން ވާނީ ތަކުރާރުކޮށް އޭސީސީގައި ސުވާލުކޮށްފަ އެވެ.
Comment