Advertisement

ޝަރުތު ހަމަނުވާތީ އެޗްޑީސީގެ ސީއެފްއޯ ވަކިކުރަން ޕީސީބީން އަންގައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު (ކ) އާއި ސީއެފްއޯ އަބްދުﷲ ފާއިދު: ޕީސީބީން ކަނޑައަޅާފައި ހުރި ޝަރުތުތައް ހަމަނުވާ ކަމަށް ވިދާޅުވީ ފަޒުލް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޝަރުތު ހަމަނުވާތީ އެޗްޑީސީގެ ސީއެފްއޯ ވަކިކުރަން ޕީސީބީން އަންގައިފި

ދައުލަތުގެ ކުންފުނިތަކުގައިި ތިބޭ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އިންގެ ހުންނަން ޖެހޭ އަސާސީ ޝަރުތުތައް ހަމަނުވާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެފްއޯ އަބްދުﷲ ފާއިދު ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

އެޗްޑީސީގެ ސީއެފްއޯ ފާއިދުގެ، އެ މަގާމަށް ބޭނުންވާ ހުރިހާ ސެޓްފިކެޓެއް ހަމަނުވާ ކަން ހާމަކުރެއްވީ މި މަހު ކުރީކޮޅު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އެ ދުވަހު ވިދާޅުވީ ލިބެން ޖެހޭ އެއް ސެޓިފިކޭޝަން ހޯދަން އަންނަ މާޗުގައި އޭނާ އިމްތިހާނުގައި ބައިވެރިވާނެ ކަމަށެވެ.

"އެއް ސެޓިފިކޭޝަން އެބައޮތް [ނުލިބޭ]. އެ ހާސިލު ކުރަން އެގްޒަމިނޭޝަންގައި ސިޓު ކުރަން, މި އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސިޓު ކުރާނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ," ފަޒުލް ވިދާޅުވި އެވެ.

ނަމަވެސް ޕީސީބީން ވަނީ އެ ބޯޑުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވާތީ އޭނާއަށް މަގާމުގައި ނުހުރެވޭނެ ކަން އެޗްޑީސީއަށް އަންގާފަ އެވެ. މިކަމާ ގުޅޭ ގޮތުން ޕީސީބީގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ވަނީ މިކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ޕީސީބީން ވަކިކުރަން އެންގި އަބްދުﷲ ފާއިދަކީ ކުރިން އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖުމަންޓު އެންޑް ޑިވެލޮޕްމަންޓް ޑިރެކްޓަރެވެ. އޭނާ ސީއެފްއޯއަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި އަހުމަދު ޝާމް އޮކްޓޫބަރު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

އެޗްޑީސީއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެސެޓު ޕޯޓްފޯލިއޯ އޮތް ކުންފުންޏެވެ. އަދި ބޮޑު އާމްދަނީއެއް ކޮންމެ އަހަރަކު ވެސް އެ ކުންފުންޏަށް ވަދެ އެވެ. އެ ކުންފުނީގެ މިލްކުވެރިކަމުގައި ހުރި ތަންތަނުގެ ތެރޭގައި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގެ އިތުރުން ފުށިދިއްގަރުފަޅާއި ގަލުފަޅާއި މާގިރިފަޅު ހިމެނެ އެވެ.