Advertisement

ގޯތި ވައްކަން: ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ). ފޮޓޯ: މަޖިލިސް އިދާރާ


ގޯތި ވައްކަން: ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅައިފި

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތި ދޫކުރި މައްސަލަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަލައި، އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިކަމަކީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާގޮތަށް ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކާލާފައިވާ މައްސަލައަކަށްވާތީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ވީމާ، މިކަން ހިނގައިފައިވާ ގޮތް ބެލުމަށާއި، މިކަމުގައި ޝާމިލުވާ އެންމެން ދެނެގަތުމާއެކު، މިފަދަ ކަންކަން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިމައްސަލަ ބައްލަވައިދެއްވުން އެދި ހުށަހަޅަމެވެ." ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮވެ އެވެ.

ވަގަށް ގޯތި ވިއްކި މައްސަލައިގައި މިހާތަނަށް ލިބުނުު މައުލޫމާތުން އެނގޭ ގޮތުގައި މި ވައްކަމުގެ ތެރެއިން 50 އާ ގާތްކުރާ އަދަދަކަށް ގޯތިތައް ދޫކޮށްފައި ވެއެވެ.

މިހާރު ހުޅުމާލެއިން ބިން ވިއްކަމުންދާ އެވަރެޖު ރޭޓުގައި މި ބިންތައް އަގުކުރާއިރު ވިއްކާލި ބިންތަކުގެ އަގު 400 މިލިއަނަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ މި ހުރިހާ ގޯތިތަކަކީ 1250 އަކަފޫޓުގެ ގޯތިކަމުގައި ބަލައިގެން ހިސާބުކުރުމުން ޖެހޭ އަގެވެ.

މިކަން ތިލަވީއިރު، މިތަނުން އެއް ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ އެކަކަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދެވެ. އާންމުވެފައިވާ ލިޔެކިޔުންތަކުގައި ވަނީ އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްދީފައިވާ ބިމެއްގެ ވަށާ ފާރު ރާނަން ހައުސިންގެ ހުއްދައަށް އެދިފަ އެވެ.

ނަމަވެސް ހައުސިންއިން ބުނީ އެއީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހެއް ނޫން ކަމަށާއި އަދި އެ ލޮޓް ނަމްބަރަކީ އެ ސްކީމުން ދޫކުރި ލިސްޓުގައި ހިމެނޭ ލޮޓެއް ނޫން ކަމަށެވެ.

މިކަން ކުރަން މަސައްކަތްކޮށްފައި ވަނީ ފޯޖުކޮށްފައިވާ އެއްބަސްވުންތަކެއް ބޭނުންކޮށްގެންނެވެ. މި އެއްބަސްވުންތަކަކީ ބިންވެރިޔާ ސްކީމުގައި އޮންނަ އުސޫލުގެ ތެރެއިން ނޮޓަރައިޒްކޮށްފައިވާ އެއްބަސްވުންތަކެއް ވެސް ނޫނެވެ. މި ތަނުން ބައެއް ގޯތި ދެ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ހައްދާފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.