about 3 hours 2
އަހުމަދު އާއިދު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު : އެޗްޑީސީން ދައުލަތަށް ލޯ ލާރިއެއްވެސް ނުލިބި 375 މިލިއަން ރުފިޔާގެ ބިން ވިއްކާލާފަ --- ފޮޓޯ: ރައީސް އޮފީސް
about 3 hours 2
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ބިންތަކެއް ވިއްކައި ހިންގި ވައްކަމުގެ އަގު 406 މިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޭން ދޫކުރި ބިންތަކުގެ ތެރެއިން މިހާތަނަށް މިގޮތަށް މަދުވެގެން 50 ބިމެއް ވަނީ ވިއްކާފަ އެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންވެސް މިހާރު ވަނީ ފަށާފަ އެވެ.
ހުޅުމާލޭގެ ބިންތައް މިހާރު ވިއްކާ އަގު ހުރީ އަކަފޫޓެއް 6500ރ. އަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ވިއްކާލާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުުން ދޫކުރި 1250 އަކަ ފޫޓުގެ ގޯތިތަކެކެވެ.
މި ރޭޓުން ބަލާނަމަ ވިއްކާލި ކޮންމެ ގޯއްޗަކަށް 8.1 މިލިއަން ރުފިޔާ ވާނީ މި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ އެޗްޑީސީގެ ވެރިންނަށާއި މިކަމުގައި ޝާމިލުވާ ހައުސިންގ މިނިސްޓްރީގެ އިސްވެރިންނަށް ލިބިފަ އެވެ. މިހާތަނަށް ވިއްކާލި 50 ގޯތީގެ އަގު ބަލާނަމަ އެއީ 406 މިލިއަން ރުފިޔާ އެވެ.
މި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.
މި ގޮތަށް ދޫކޮށްފައި ހުރި އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދެވެ. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
ބިންވެރިޔާ ސްކީމުގެ ލިސްޓު "އަދަދު" އިން ބެލިއިރު، އެ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެކަމަކު އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް އޭނާ ތުހުމަތުކުރީ އެޗްޑީސީގެ އެމްޑީ ފަޒުލްއަށެވެ. މިހާރު ވެސް މިކަން ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ.
Comment