Advertisement

ސައުތު އޭޝިއަން ގޭމްސް އަނެއްކާ ވެސް ފަސްކޮށްފި: ހުށަހެޅީ އަންނަ އަހަރު ނޮވެމްބަރުގައި ބާއްވަން

17 ޑިސެންބަރު 2024 - 12:08 0

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މެޑަލްތައް ދައްކާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ސައުތު އޭޝިއަން ގޭމްސް އަނެއްކާ ވެސް ފަސްކޮށްފި: ހުށަހެޅީ އަންނަ އަހަރު ނޮވެމްބަރުގައި ބާއްވަން

17 ޑިސެންބަރު 2024 - 12:08 0

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ސައުުތު އޭޝިއަން ގޭމްސް އަނެއްކާ ވެސް ފަސްކުރަން ޖެހި، އަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން/ކޮމިޓީ (ޕީއޯއޭ) އިން މަސައްކަތް ފަށަން ނިންމައިފި އެވެ.

މިއީ، ޕާކިސްތާންގައި، 2023 ވަނަ އަހަރު ބާއްވަން ކަނޑައެޅި ގޭމްސް އެކެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ އެކި ތާރީހަށް ފަސްކުރަން ޖެހުނުއިރު، އަދިވެސް ބޭއްވޭނެ ދުވަހެއް ނޭނގެ އެވެ.

ޕާކިސްތާން އޮލިމްޕިކް ކޮމިޓީން އަންނަ އަހަރުގެ ފެބްރުއަރީގައި ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރި މުބާރާތަށް ބަޖެޓް ވެސް ތައްޔާރުކުރި އެވެ.

އެކަމަކު، މައްސަލަތައް ފެންމަތިވީ، ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ސައުތު އޭޝިއަން ގޭމްސް ބާއްވަން ހަރަދުވާނެ ކަމަށް އަންދާޒާކޮށް ހެދި ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ބަޖެޓާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ހެދި އެވެ. އެ ގޮތުން، ޕާކިސްތާން ސަރުކާރުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން ބުނެފައިވަނީ، މި ބަޖެޓްގައި މި ހިމަނާފައިވާ ކަންކަން މި ބަޖެޓުން ފުރިހަަމަ ނުކުރެވޭނެ ކަމަށެެވެ. އެއާ އެކު، އީސީސީން އަންގާފައިވަނީ، މި ބަޖެޓްގެ ތަފްސީލީ ކަންކަން ހިމެނޭ ރިޕޯޓެއް، ހުށަހެޅުމަށެެވެ.

އީސީސީގެ ބައެއް މެމްބަރުން ވަނީ، ބަޖެޓްގައި އިތުރަށް ފައިސާ ހިމަނާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އެހެންވެ، އެ ހިސާބުން ގޭމްސްގެ ކަންކަން ހުއްޓިފައި އޮތްއިރު، ފެބްރުއަރީ ކުރީކޮޅުގައި ބާއްވަން އުޅުނު ގޭމްސް އޭޕްރީލް މަހަށް ފަސްކުރަން ވާހަކަ ދެކެވުނެވެ.

އެކަމަކު، ޕާކިސްތާން މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދާދި ފަހުން ޕާކިސްތާންގެ އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ނިންމީ، އަންނަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭ ޕާކިސްތާންގެ ނެޝަނަލް ގޭމްސް ބޭއްވުމަށް ފަހު، ނޮވެމްބަރު މަހު ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.