Advertisement

ވޭޕު ބޭނުން ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު އަންނާނީ ފޯނަށް

16 ޑިސެންބަރު 2024 - 22:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވޭޕު ބޭނުން ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު އަންނާނީ ފޯނަށް

16 ޑިސެންބަރު 2024 - 22:18 0

އިއްޔެއިން ފެށިގެން ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާވުމާ ގުޅިގެން، އެފަދަ ތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހުން ޖޫރިމަނާ ކުރަމުންދާނެ ކަމަށާއި ޖޫރިމަނާގެ ތަފުސީލު ފޯނަށް ލިބޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.

"ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ އެވެ، މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު އިއްޔެއިން ފެށިގެން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ވޭޕު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުރިހާ އެންމެން ވެސް އަމަލު ކުރުމަށާއި އެ ގާނޫނު ތަންފީޒު ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން ފުލުހުންގެ ބަޔާނުގައި އެދިފައިވެ އެވެ. އަދި ހުރިހާ އެންމެން ވެސް ދުންފަތާ ދުރުވެ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރަން އަމާޒު ހިފުމަށް ފުލުހުންގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.

ނަމަވެސް މިހައިތަނަށް ވޭޕާ ގުޅިގެން އެއްވެސް މީހަކު ޖޫރިމަނާ ކުރިކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.