14 ޑިސެންބަރު 2024 - 15:47 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް މުއިއްޒު ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރާ ބިލު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް
14 ޑިސެންބަރު 2024 - 15:47 0
ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އެއްކޮށް ބޭންކުތަކަށް ޖަމާކުރުމާއި އެ ފައިސާއިން ބަޔެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 56 ވޯޓާއެކީގަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުންނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނު އޮތް ގޮތުން އަންނަ އަހަރުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.
ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ ވޭތުވި އަހަރުގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ. މި ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.
މާލިއްޔަތު ކޮމިޓީން އެ ގާނޫނުގެ މަސައްކަތް ކުރި އިރު، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ހިންގާ ދެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އިންޑަސްޓްރީސް (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުވާ އޮޕަރޭޓާސް (މަޓާޓޯ) އާ ބައްދަލުކުރި އެވެ. ނަމަވެސް އެ ފަރާތްތަކުން ހުށަހެޅި ކަންކަން ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ނެތެވެ.
ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ނެތް ނަމަވެސް، ބޭރު ފައިސާ މާރުކުރަން ޖެހޭ މިންވަރު 20 ޕަސެންޓުން 10-15 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް ކުޑަކޮށްދިނުމަށް މަޓީން އެދުނު ކަމަށް، އެ ޖަމިއްޔާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެ އެވެ. މަޖިލީހުގައި މިހެން އެދުނު ނަމަވެސް، ގާނޫނުގައި ހިމަނާފައި ހުރި އަދަދުތަކަށް ރިސޯޓުތަކުން ރުހޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
Comment