Advertisement

ސަރުކާރުގެ 'ލެޑިގަތުމާއި' ސިޔާސީ ބޮޑުހުޅުޖެހުން

13 ޑިސެންބަރު 2024 - 07:19 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ސަރުކާރުގެ 'ލެޑިގަތުމާއި' ސިޔާސީ ބޮޑުހުޅުޖެހުން

13 ޑިސެންބަރު 2024 - 07:19 4

ރާއްޖޭގައި ސިޔާސީ މަސްރަހު ހޫނުވެގެންދާއިރު، އެ ހޫނުކަމުގައި 'ހުޅުފަޅައިގެން ދިއުމަކީ' އާންމު ކަމެއް ނޫންނަމަވެސް މިވަރުގެ ކުޑަކުޑަ ގައުމަކާ ބަލާއިރު ތަދުކަމެއްވެސް ނޫނެވެ. ސިޔާސީ ތާރީހުގައި މަޝްހޫރު ބޮޑުހުޅުގެ ވާހަކައަކީ މީގެ އެންމެ ގަރުނަކާއި އަހަރުތަކެއް ކުރިން، 19 ވަނަ ގަރުނުގެ ފަހުކޮޅު ހިނގައިދިޔަ ހާދިސާއެކެވެ. ބޮޑުހުޅުގެ ތާރީހު ނޭނގޭ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުހުންނާނެ އެވެ. އެކަން އެންމެންނަށް އެނގޭ މިންވަރަށް އެ މައުލޫމާތު އެކިއެކި ލިޔުންތެރިން ތިލަކޮށްދެއްވައި ލިޔުއްވާފައި ވެއެވެ. 'ދިވެހި ތާރީހަށް އައު އަލިކަމެއް'، 'ބޮޑުހުޅުގެ ތާރީހު'، 'ދިވެހިރާއްޖޭގެ މިޒަމާނުގެ ހަގީގީ ބައްޕަ'، 'ދޮންތުއްކަލާގެ ބައްޕަގެ ހަނދާން'، ދަގަނޑު ދަހަނާ' 'ދިވެހިންނާއި ބުރާސްފަތި'، 'އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުން އަދި ބޮޑުހުޅުޖެހުން' މިފޮތްތަކާއި މަޒުމޫނުތަކުގެ އިތުރުން ފަތްތޫރައިގެ އެކި އަދަދުތަކުގައި މި މައުލޫއަށް ލިޔުންތެރިން ލިޔުއްވާފައި ވެއެވެ.

ކުޑަބަންޑާރައިންގެ ރަސްކަމުގައި ދޮށިމޭނާ ކިލެގެފާނު ގެންދެވީ ވޯރާއިން ރާއްޖޭގައި ގާއިމުވެތިބެ ވިޔަފާރިކުރުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކާމެދު ކަންބޮޑުވެވަޑައިގެން އެމީހުން ބޭރުކޮށްލުމަށް ނުވަތަ އެމީހުންގެ ވިޔަފާރިން ރާއްޖެއަށް މަންފާވާނޭ ޕްލޭންތަކެއް ހެދުމަށް ސަރުކާރަށް ބާރުއަޅުއްވަމުންނެވެ.

ދޮށިމޭނާ ކިލެގެފާނުންގެ ބާރުއެޅުއްވުމާއެކު މަޖުބޫރުން ސަރުކާރުން އެތައް ޕްލޭނެއް ރޭވި އެވެ. ފުރަތަމަ ރޭވީ ހުރިހާ ވިޔަފާރިވެރިންގެ ވިޔަފާރި ހުއްޓުވާލައި، ހުރިހާ ވިޔަފާރިއެއް ކަރީމްޖީ ޖައުފަރުޖީއާ ހަވާލުކޮށް އޭނާ އަހަރަކު އަށްޑިހަހާސް ރުފިޔާ ސަރުކާރަށް ދެއްކުމަށެވެ. މި ޕްލޭނަށް ވޯރާ ވިޔަފާރިވެރިންގެ ތާއީދެއް ނުލިބުނެވެ. ދެން ކަނޑައެޅި އިގްތިސާދީ ޕްލޭނުގައި އޮތީ ވޯރާއިންގެ ކޮންމެ ވިޔަފާރިއަކަށްވެސް ވިޔަފާރިކުރުމުގެ ހުއްދަ ދޭނީ އަހަރަކު އެއްލައްކަ ރިހި ރުފިޔާ ސަރުކާރަށް ސަރުކާރަށް ދެއްކުމަށެވެ. އެހާތަނަށް މުދަލުން ނަގަމުން އައި ބާރަބައިކުޅަ އެއްބައި ނެގުން ހުއްޓާލުމަށާއި، ސަރުކާރަށް ފައިސާ ދައްކާނޭ ގޮތް ކަނޑައެޅުމުގެ ބާރުވެސް ވިޔަފާރިވެރިންނަށް ދިނުމަށް ނިންމުނެވެ. މި ޕްލޭނަށްވެސް އެއްބަސްވީ އެންމެ ވިޔަފާރިވެރިއެކެވެ.

ވެރިކަމުގެ ފަރާތުން ނިންމެވީ އެ ޕްލޭން ތަންފީޒުކުރާން ފެށުމަށެވެ. ސިޔާސަތު އޮތްގޮތުން އެ ޕްލޭން ހުށަހަޅާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވާ ދުވަހު ޕްލޭނަށް އަމަލުކުރަން ފަށަން ޖެހެ އެވެ. އެ ޕްލޭނާ އެއްބަސްނުވާ ވިޔަފާރިވެރިޔަކުނަމަ ރާއްޖެ ދޫކޮށް ދާންޖެހެ އެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރީ ފެބުރުއަރީ 6، 1887 ގަ އެވެ. އެގްރީމަންޓުގައި ސޮއިކުރީ އެންމެ ވިޔަފާރިވެރިއެކެވެ. އެހެންކަމުން ސިޔާސަތުގައި އޮތްގޮތަށް އެހެން ހުރިހާ ވިޔަފާރިވެރިންނަށް ނޯޓިސް ދެވުނެވެ.

ވޯރާ ވިޔަފާރިވެރިން ގެންދިޔައީ މިކަމާ ނުރުހުންވެ އިހުތިޖާޖު ކުރަމުންނެވެ. ވީއެއްޗެއް ވެގެން ފަހުން ވެރިކަމުގެ ފަރާތުން ވޯރާއިންނަށް ދޫ ދީފި އެވެ. ބޮޑުވަޒީރު މުހައްމަދު ރަންނަބަނޑޭރިކިލެގެފާނު ޖެހިވަޑައިގަތީ ވޯރާއިންގެ ކޮޅަށެވެ. ކުޑަބަންޑާރައިންވެސް ކޮޅު ބަދަލުކުރައްވައި ވިޔަފާރިވެރިންނާ އެއްކޮޅަށް ޖެހިވަޑައިގަތީ އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހުންނެވީ ގަދަކޮށް، ވޯރާ ވިޔަފާރިވެރިންނާ ދެކޮޅަށެވެ. ބޮޑުހުޅު ޖަހަން ފެށުނުއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތަކީ މިއީ އެވެ.

ފެބުރުއަރީ 1887 އަށް ފެށުމާއެކު ބޮޑުހުޅުގެ ކުޅިވަރު ފެށިއްޖެ އެވެ. މުޅި ސަރުކާރު ވޯރާއިންނަށް ދަރާ އޮތްއިރު، އޭގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހިފައި އޮތީ ބުންބާގެ ކަރީމްޖީ ޖައުފަރުޖީއަށެވެ. އޭނާ ހުރީވެސް ސަރުކާރުގެ އިގްތިސާދީ ޕްލޭނަށް ރުހިގެންނެވެ. އެހެންވުމާއެކުވެސް ފުރަތަމަ ރޯކޮށްލީ އޭނާގެ ފިހާރައިގަ އެވެ. ހަމަ އެރޭ ފަތިހު ކޯއްޓޭކޮޅުގައި ހުރި ފިހާރަތަކާއި ގުދަންތަކުގައި ރޯކޮށްލައިފި އެވެ. ބުންބާ މީހުންނަށް އަމާޒުކުރި ހަމަލާތަކެއްކަމަށް ބެލެވުނު ނަމަވެސް އެ ސަރަހައްދުގައި ހުރި ގާލީ ވިޔަފާރިވެރިންގެ ހުރިހައި ފިހާރަތަކެއްވެސް އަނދައި އަޅިއަށް ހަދާލި އެވެ.

ފިހާރަތަކުގައި ރޯކުރުމުގެ ސިލްސިލާ ތިންހަތަރު ރެޔަކަށް ދެމިގެން ދިއުމަށްފަހު ދެން ދިމާކޮށްލީ ކަމުވޮށިގެންވާ މީހުންނާއި، އާންމުންގެ ގެތަކާއެވެ. ފުރަތަމަ ރޯކޮށްލީ ކަނބާފާނު ގަނޑުވަރުގަ އެވެ. އޭގެ ފަހުން މެދަށް އެއްރޭ ދޫކޮށް، ދެން ޖެހިގެން އައިރޭ ފަތިހު މާފަންނު ދެ ގެއެއްގައި ރޯކޮށްލި އެވެ. މިހައިރުން މިއީ ސިޔާސީ ކަމެއްކަމަށް ސަރުކާރަށްވެސް ވިސްނިއްޖެ އެވެ. ޖެހިގެން އައި ދުވަހު ސަރުކާރުން ކޮލިފަތްތޫރަ ހިންގައި، ބޮޑުހުޅު ޖެހުމުގެ ހުރިހައި ކަމެއް އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ. އެމީހެއްގެ މުދަލާމެދު އެމީހަކު ރައްކައުތެރިވުމަށް އަންގައި ސަރުކާރުންވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި އެވެ. އެ އެންގުމަށްފަހު ގޭގެ ތަކުން މަގަށް އަލިވާނޭ ގޮތް ހަދައި، ހިކި ފުޅަފިތަކަށް ފެންޖަހައި ތެތްކޮށް ބަހައްޓާން ފަށައިފި އެވެ. ގޭގެގައި ހިފާ ގެންގުޅޭ ސާމާނުތައް ރައްކާތެރިކުރުމަށްޓަކައި ބޭރަށް ނެރެ ވަޅުލުމާއި، ދަން ބަހައިގެން ހޭލައި ތިބުން އާންމު ވެއްޖެ އެވެ.

މާލޭގެ އެންމެން މިކަމާ ބިރުން ހޭލައި ތިބޭއިރުވެސް ރޯކުރާ ތަންތަނުގައި ރޯކުރަމުން އެބަ ގެންދެ އެވެ. މާފަންނު ދެ ގެއެއްގައި ރޯކޮށްލުމަށްފަހު ކުޑަ ދުވަސްކޮޅެއް ފަހުން ވައްބެރުގޭގައި ރޯކޮށްލައިފި އެވެ. އެ ހުޅުގައި އެ ގެއާއި، އެގޭގެ ޖެހިގެންހުރި ގެތައްވެސް އަނދައި ބޮޑު ސަރަހައްދެއް ހުލިވެއްޖެ އެވެ. ތާރީހަށް އައު އަލިކަމެއްގައި ލިޔެފައި އޮތީ 'މިހެން ހޭލައި ތިއްބައި ދެން އައި ހުކުރުވިލޭރޭ ހަތްފުޅިއަށް ޖެހިއިރު ވައްބެރުގޭގައި ރޯކޮށް އަނދާ ނިމިއްޖެ އެވެ. ދެން ކުރާނޭ ކަމެއް ނުއެނގިގެން މި ހައިރާންކަންމަތީ މިކަންތައް ކުރާހެން ހީވެފައިވާ މީހުން ގަދަފަދަވެފައި މާތްކަމުން، ދެން މީހުން ރޮއިހޭރި މުދާތައް ވަޅުލައި ރަށްރަށަށް ގެންގޮސް ހަލާކުވެ، މިޔޭ އެދުވަސްވަރު މީހުން އުޅުނު ހާލީ.." މިހެންނެވެ.

މި ސިލްސިލާ އެތައް ދުވަހަކަށް ދެމިގެން ދިޔަ އެވެ. އެންމެ ފަހުން ވެރިކަމުގެ ފަރާތުން ހިންގި ތަހުގީގުން ނިންމީ މިކަމުގެ އަޑީގައި ވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުން ކަމަށެވެ. ހައްގުންވިޔަސް ނުހައްގުން ވިޔަސް، އެ ކުށުގެ ތުހުމަތު އަޅުވައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އެކިލެގެފާނުންގެ ރަހުމަތްތެރި ބޮޑުންނާއި އެކަމުގައި ޝާމިލުވީކަމަށް ބެލެވޭހައި ބަޔަކު ދެކުނުގެ ރަށްތަކަށް އަރުވާލީ އެވެ. ދޮށިމޭނާކިލެގެފާނާއެކު އަރުވާލެވުނު ގުރޫޕުގައި ހިމެނެނީ ރާއްޖޭގައި އެ ދުވަސްވަރު ތިބި އެންމެ އިއްޒަތްތެރި ބޮޑުންނާއި، ހަރުދަނާ މީހުންނާއި ސަރުކާރުގެ އިސްވެރިންނެވެ. ސަރުކާރަށް ސިޔާސީ ދުއްޕާނަކަށްވީ ބޮޑުހުޅު އުފަންވެގެން އައިސްފައި އޮތީ ސަރުކާރުގެ އެތެރެއިންނެވެ.

މާޅޮހު ނަސީރު (2010) ވިދާޅުވާ ގޮތުން، ބޮޑުހުޅުގައި އޮތީ މައިގަނޑު ތިން ސަބަބެކެވެ. އެއްކަމަކީ ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ދޮށިމޭނާ ކިލެގެފާނުން ރޭއްވެވި ކަންކަމަށް ސަރުކާރުން އެއްބަސްނުވުމެވެ. އަނެއްކަމަކީ ކަކާގެއާއި އަތިރީގެއާ ދެމެދު ސިޔާސީ ގޮތުން އަނދަމުންދިޔަ އަލިފާންގަނޑު ރޯވުމެވެ. ތިންވަނަ ކަމަކީ ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ ވައިގައިތިބެ ރާއްޖޭގެ ސިޔާސަތަށް ފޯރުވަމުން ދިޔަ ނުފޫޒެވެ.

މި ތިން ސަބަބުން ކުރެ ސަބަބަކީވެސް ހުޅުޖަހައި ވިޔަފާރި މުދަލާއި އާންމުންގެ ގެދޮރަށް ގެއްލުން ދިނުން ޖާއިޒު ސަބަބުތަކެއް ނޫނެވެ. ބޮޑުހުޅުގެ ތަހުގީގެއް ހިންގިނަމަވެސް އެއީ އެއްވެސް ހަމައަކުން ފުރިހަމަ ތަހުގީގަކަށް ނުވާނެ އެވެ. އެނގެނީ ރޯވިކަމެވެ. ރޯކުރަން ފެށުނު ގޮތަކާއި، ސަބަބަކާއި، އެ ރޯކުރުންތަކުގެ ތެރޭގައި ކަމާނުބެހޭ މީހުންވެސް ވަދެ، އެކި މީހުންނަށް ދިން ގެއްލުންތައްވެސް ބޮޑުހުޅުގެ ތެރޭގައި ގުނި، ކަމުގެ އަސްލު އޮޅިގެން ދިޔަގޮތް ތަހުގީގުން ފެންނާކަށް ނެތެވެ. ތަހުގީގުގެ ތެރެއަށް ވަކި ހިސާބަކުން އިނގިރޭސީން ވަދެގަންނާންވެސް ފުރުސަތު ދެވިއްޖެ އެވެ. އެއީވެސް މުސްތަގިއްލު ގައުމަކުން ގޯހުގެ މައްޗަށް ހެދި ގޯހެކޭ މިހާރު ބަލާލާއިރު ދެންނެވޭން އެބައޮތެވެ.

ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅު ފެށުނު ބޮޑުހުޅަށްފަހު ވެސް ސިޔާސީ ކަންކަން ހޫނުވާއިރު ހުޅުޖެހުމަކީ މާލެތެރޭގައި އޮތްކަމެކެވެ. ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު، 'ބިންބިފޯސް' ގެ ނަމުގައި މަޝްހޫރުވި ސިއްރު ގުރޫޕަކުން މާލެތެރޭގައި ހުޅުޖަހާފައިވެއެވެ. މޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައި ވެއެވެ. "އާދެ! ދިވެހި ރާއްޖޭގެ ތާރީހުގައި ހިނގާދިޔަ ބޮޑުހުޅުގެ ކަންތައްގަނޑު ފަދައިން މާލެތެރޭގައި ހުޅުޖަހާ ހައްދުވާފައި އެބަހުއްޓެވެ. ފަހެ، މިހިސާބުން ޑިމްސްއާއިއެލިޔާ ބިލްޑިންގް ފަދަ ތަންތަން ހުޅުޖަހާ ރޯކޮއްލީ ކާކުގެ ރޭވުމެއްގެ ދަށުންތޯ އެބަބަލާލަން ޖެހެއެވެ!" އެ ދެތަނުގައި ހުޅުޖެހީ ކޮންބައެއްކަމާއި ކާކު ބުނެގެންކަންވެސް އޭނާގެ ބްލޮގުގައި ލިޔުއްވާފައި އެބައޮތެވެ. ކިޔަން ބޭނުންވާ ބަޔަކު އެ ބްލޮގުން ކިޔަންވީ އެވެ. އަޅުގަނޑެއް މީހުންގެ ވާހަކަ ދައްކާކަށެއް ނެތީމެވެ. ދާދި އިހަކަށް ދުވަހާ ޖެހެންދެންވެސް، މާލޭގައި މުޒާހަރާއެއް އޮންނަނަމަ ކުނިގޮޑުގައި ރޯވުމަކީ އާދައިގެ ކަމެކެވެ. އެ ކަހަލަ ދުވަސްތަކުގައި ހަމަ އިއްތިފާގުން ގޮނޑުގައި ރޯވަނީ އެވެ.

ރާއްޖޭގައި އެކަންޏެއްވެސް ނޫނެވެ. ހުޅުޖެހުމަކީ މާ ކާމިޔާބު ސިޔާސީ ކުޅިއެއްގެ ގޮތުގައި ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން ގެންދާ ކަމެކެވެ. މޮޅުތަކެއް ވާނޭކަމަށް ދެކިގެން ކުޅަޔަސް އެފަދަ ކޮންމެ ކަމަކުން ލިބެނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެވެ. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތުތައް އަޅުވައި، އަދަމުންދާ އަލިފާނަށް ސިޔާސީ ދަރު އަޅަމުންދާނަމަ އެ އަލިފާނުގައި އަނދައިހުލިވާނީ ހަމައެކަނި އިމާރާތްތަކަކާއި ލިޔެކިޔުންތަކެއް ނޫނެވެ. އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާމާއި، ގުޅުންތަކެވެ.