about 7 hours 0
ސާއިފް ޝިޔާދު
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް. -- ފޮޓޯ: މަޖިލީހުގެ އިދާރާ
about 7 hours 0
ބަދަލު ދިނުމުގެ މައްސަލަތައް ބަލަން އެކުލަވާލި "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން މިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ ސެޓްލްމަންޓު އެއްބަސްވުމެއް ބާތިލުކޮށް ބަދަލުގެ ގޮތުގައި ދީފައިވާ ތަކެތި އަނބުރާ ދައުލަތަށް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން ހެދި އެއްބަސްވުންތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓު ފާސްކުރީ ހަ މެންބަރުންގެ ވޯޓާއެކު އެވެ. މިއަދު އޮންނަ މަޖިލިސް ޖަލްސާގައި މި ރިޕޯޓު ފާސްކުރާނެ އެވެ.
އެ ކޮމިޓީގައި ނިންމާފައި ވަނީ 2019 އިން ފެށިގެން 2023 އަށް ސޮއިކޮށްފައިވާ ސެޓްލްމަންޓު އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށެވެ. އެހެންވެ އެ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުގެ ގޮތުގައި އެއްޗެއް ދީފައިވާނަމަ އެ އަނބުރާ ނެގުމަށް އެޓާނީ ޖެނެރަލަށް ދެންނެވުމަށް ވަނީ ރިޕޯޓުގައި ހިމަނާފަ އެވެ.
އޭގެ އިތުރުން, މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައިވޭތޯ ބެލުމަށް އޭޖީގެ އަރިހުން އެދުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އެފަދަ އެއްބަސްވުންތައް ވެސް ބާތިލުކޮށް ދީފައިވާ އެއްޗެއް އަނބުރާ ނެގުމަށް ވެސް އޭޖީގެ އަރިހުން ވަނީ އެދިފަ އެވެ.
ސެޓްލްމަންޓް ކޮމިޓީއަކީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ކުރީ ސަރުކާރުން އެކުލަވާލީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ރައީސް އޮފީހުގައި އޮތް ކޮމިޓީއެކެވެ.
ވެރިކަން ބަދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އުސޫލު އުވާލެއްވި އެވެ. މިކަމާ ގުޅޭ ގޮތުން އޭރު ރައީސް އޮފީހުން ބުނީ، މިއީ ގާނޫނީ ގޮތުން ބާރުލިބިގެން ހަދާފައިވާ އުސޫލެއް ނޫން ކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީ އެ އުސޫލު އުވާލާފައިވާ ކަމަށެވެ. މި ކޮމިޓީ އުވާލައްވަމުން ނަހަމަ ބަދަލު ދިނުން ގޯސް ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ސެޓްލްމަންޓް އެއްބަސްވުންތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ސަރުކާރުން ވަނީ އެ އެއްބަސްވުންތަކުގެ ތަފުސީލު ދޭން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން "އަދަދު" ނޫހުގެ ފަރާތުން ނޫސްވެރިއަކު ހުށަހެޅީ އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.
Comment