Advertisement

ޕީއެސްއެމްއިން ގުރުއާނަށް އުނިއިތުރުގެނެސް ދައްކާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެފި

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު : އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕީއެސްއެމް އިން ގުރުއާނަށް އުނިއިތުރު ގެނެސްފައިވާ ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ


ޕީއެސްއެމްއިން ގުރުއާނަށް އުނިއިތުރުގެނެސް ދައްކާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުރުއާނުގެ އާޔަތަކަށް އުނިއިތުރު ގެނެސްގެން ވީޑިއޯއެއް ފަތުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މި ކުއްލި މައްސަލާގައި ބުނެފައިވަނީ، ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން ދައްކަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަމަކީ އިސްލާމް ދީނުގެ އެންމެ މަތިވެރި ފޮތް އަދި މާތް ރަސްކަލާންގެ ކަލާންފުޅަށް އިހާނެތިކޮށް ހިތައި، އެއަށް ގަސްތުގައި ބަދަލު ގެނެސް، އާޔަތްތަކުގެ މާނަ އޮޅުވައިލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރުމާމެދު ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި، 71 މެންބަރުންވެސް ވޯޓު ދިނީ މައްސަލަ ބަލައިގަނެ ބަހުސްކުރުމަށެވެ.

މިއާއެކު އެމްޑީޕީގެ މެންބަރު މައުރޫފު ވަނީ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވި ޕީއެންސީގެ މެންބަރުންނަށާއި ސަރުކާރަށް ތާއީދުކުރާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި މައްސަލާގައި ފާހަގަކޮށްފައިވަނީ މިދިޔަ ހަފުތާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރި އަތޮޅާއި މާލެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ގުރުއާން ކިޔެވިއިރު ލައިވް ކުރި ވީޑިއޯއިން ތަންކޮޅެއް އުނިކުރި ކަމަށް ބުނާ މައްސަލަ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރުވެ ޕީއެސްއެމް އިން ވަނީ އެ ލައިވް ސްޓްރީމް ހިމެނޭ ސޯޝަލް މީޑިއާ ޕޯސްޓުތައް ވެސް ޑިލީޓުކޮށްފަ އެވެ.

މައުރޫފުގެ ކުއްލި މައްސަލާގައި ޕީއެސްއެމް އިން ފުރުސަތު ދެނީ ހަމައެކަނި ސަރުކާރުގެ ވެރިންނަށާއި ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީއެސްއެމް އިން ގަސްތުގައި ދޮގު ހަބަރު ފަތުރައި، ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ހިޔާލު ތަފާތުވާ އެންމެންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ކުރާކަމަށްވެސް މައުރޫފު ވިދާޅުވެފައިވެ އެވެ.