8 ޑިސެންބަރު 2024 - 23:14 0
އަހުމަދު އާއިދު
މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު : މަތިވެރި ފަޅުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު އަންނަ އަހަރު ފަށަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ --- ފޮޓޯ: ރައީސް އޮފީސް
8 ޑިސެންބަރު 2024 - 23:14 0
އއ. މަތިވެރި ފަޅު ހިއްކައިގެން އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަރިއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ، އެ ރަށު ފަޅުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށަށާއި އިގުތިސޯދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށެވެ.
"އިކޮނޮމިކަލީ ވަޔަބަލް ކަމެއް މިތަނުގެ، މިރަށުގަ އެއާޕޯޓެއް އެޅުމަކީ އެހެންވީމަ މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓު މަޝްރޫއުތަކުގެ ތެރޭގަ މި ރަށުގެ އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެކަން ޔަގީންކަމާއެކީ ތިބޭފުޅުންނަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މަތިވެރި އޮންނަ ބޮޑު ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަނީ އެ ރަށާއި ކައިރި ހުރި ރަށްތަކުގައި ހުރި ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ފަސޭހަވެ ރާއްޖެ ގުޅާލުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ވެސް އެ މަޝްރޫއު ގުޅިލާމެހޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވެގެންދާނީ މި ރަށަށާއި މި ދާއިރާ އަދި މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް ޓޫރިޒަމްގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވިގެން ދިއުން. އަދި އެހެނިހެން އިގުތިސޯދީ ކަންކަން ކުރުމުގައިވެސް އެއީ ނަފާ ލިބޭ. ފަސޭހަތައް ލިބޭ ކަމަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މި މަޝްރޫއު އަވަހަށް ފެށުމަށް ކައުންސިލާއި އިންފްރާސްޓަކްޗާ މިނިސްޓްރީ ގުޅިގެން މަސައްކަތް ފެށުމަށްވެސް އެމަނިކުފާނު މިރޭ އެދިލެއްވި އެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަންނަ އަހަރަށް ފާސްކުރި ބަޖެޓުގެ ތަފުސީލުތައް ސިއްރުކޮށްފައިވުމުން މި މަޝްރޫއަށް ބަޖެޓުން ލިބޭނީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.
އޭގެއިތުރުންވެސް، ރައީސް ވަނީ މަތިވެރީގެ ތަރައްގީއަށް ގިނަ ވައުދުތަކެއްވެވަޑައިގެންފަ އެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ އެމަނިކުފާނު ރިޔާސީ ކެމްޕޭނުގައިވެސް ވެވަޑައިގެންނެވި ވައުދުތަކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment