9 ޑިސެންބަރު 2024 - 06:41 0
އަތޫފް އާތިފް
9 ޑިސެންބަރު 2024 - 06:41 0
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކްލަބް އެޗްޑީސީން ކުޅުނު ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން ބަލިވެއްޖެ އެވެ.
އެޗްޑީސީ އިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލުގެ ގަންޑާކީ އަތުން 3-2 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އެކަމަކު އިއްޔެ، ހަވީރު ކުޅުނު މެޗުން އީރާނުގެ ޗަދޯރުމަލޫ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މި ސެޓުގައި އެޓީމުގެ ރިސީވްތައް ދަށްވުމުގެ ފައިދާ ނަގާ ޗަދޯރުމަލޫ އިން ވަނީ ފަސޭހަކަމާއެކު, 25-16 އިން ސެޓު ގެންގޮސްފަ އެވެ.
އެކަމަކު ދެވަނަ ސެޓުގައި އެޗްޑީސީ އިން ކުޅުން ރަނގަޅުކުރިއިރު, މި ސެޓުގައި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ފައިރޫޒްގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު އެޗްޑީސީ އިން ކާމިޔާބުކުރީ 25-22 އިންނެވެ.
ތިން ވަނަ ސެޓުގައި ވެސް އެޗްޑީސީ އިން ވަނީ ދެ ވަނަ ސެޓުގައި ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ. އެއާއެކު މި ސެޓު އެޗްޑީސީ އިން 25-23 އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ހަތަރުވަނަ ސެޓުގައި އެޗްޑީސީގެ ފަރާތުން އަމިއްލަ ގޯސްތައް ގިނަވެ, ސެޓު ގެއްލުނީ އެވެ. ހަތަރުވަނަ ސެޓު ޗަދޯރުމަލޫ އިން ގެންދިޔައީ 25-20 އިންނެވެ.
ފަސް ވަނަ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު, މި ސެޓުގަިއ ޗަދޯރުމަލޫ ޓީމުގެ ރޫހު ރަނގަޅުއިރު, މި ސެޓު އެ ޓީމުން ގެންދިޔައީ 15-13 އިންނެވެ.
ތިން ވަނަ މެޗުގައި އެޗްޑީސީން މިއަދު ނުކުންނާނީ އިންޑިއާގެ ކަލިކަޓްއާ ދެކޮޅަށެވެ.
Comment