Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

8 ޑިސެންބަރު 2024 - 12:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އަދި ރައީސް މުއިއްޒު : އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި --- ފޮޓޯ: ރައީސް އޮފީސް


އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

8 ޑިސެންބަރު 2024 - 12:51 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެ ދެ މެންބަރުން ނޮވެމްބަރު 25، ގައި އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ، މި މަހުގެ 16 ގެ ރަސްމީ ގަޑި ނިމެންދެން މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މެންބަރުކަމުގެ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް ކަމާއި މެންބަރުކަމުގެ ޖާގައެއް ހުސްވެފައި މިވަނީ، އެ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ގާނޫނު ބަދަލުކޮށްފައި ވަނިކޮށެވެ.

އާ ގާނޫނުގެ ދަށުން އޭސީސީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މެންބަރުކަމުގެ ދައުރު ހަމަވެ އީސީގެ ރައީސްކަން ވެސް މިހާރު ވަނީ ހުސްވެފަ އެވެ.

ގާނޫނަށް މި ބަދަލު ގެނައީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ދެ ޕާޓީން ވެސް ބުނެފައި ވަނީ މި އިސްލާހުތަކާއެކު އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވުމުގެ ބާރު ރައީސްއަށް ލިބޭނެ ކަމަށެވެ.

ގާނޫނަށް ބަދަލު ހުށަހެޅުމާއެކު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދުދެއްވާ ރައީސް މުއިއްޒު ވަނީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެފަ އެވެ.