Advertisement

ހަނގުރާމަވެރިން ދިމިޝްކު ހިފުމުން ރައީސް ބައްޝާރުލް އަސަދު ފިލައިފި

8 ޑިސެންބަރު 2024 - 09:00 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު - ފޮޓޯ: ގެޓީ


ހަނގުރާމަވެރިން ދިމިޝްކު ހިފުމުން ރައީސް ބައްޝާރުލް އަސަދު ފިލައިފި

8 ޑިސެންބަރު 2024 - 09:00 2

ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފުމުން، ރައީސް ބައްޝާރުލް އަސަދު ފިލައިފި އެވެ.

ސީރިއާގައި 24 އަހަރު ވެރިކަން ކުރެއްވި ބައްޝާރުލް އަސަދު ފްލައިޓެއްގައި ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެ އެވެ. ނަމަވެސް އެމަނިކުފާނު ވަޑައިގަތީ ކޮންތަނަކަށް ކަމެއް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.

"އަސަދު ވަނީ ގައުމު ދޫކޮށް ފިލާފައި. އަހަރުމެން އިއުލާން ކުރަން އަސަދުގެ ކިބައިން ސޫރިއާ ސަލާމަތްވެއްޖެ ކަމަށް،" އިދިކޮޅު ހަނގުރާމަވެރިން ބުންޏެވެ.

ހަނގުރާމަވެރިން ވަނީ ސީރިއާގެ ޕަބްލިކް ރޭޑިއޯ އަދި ޓީވީގެ އިތުރުން އެއާޕޯޓު އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ.

ދިމިޝްކުގައި ތިބި ސީރިއާގެ އެތައް ހާސް ސިފައިން ވެސް ވަނީ ފިލައިގެން އެހެން ތަންތަނަށް ހިޖުރަ ކޮށްފައި ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ދިމިޝްގުގެ މަގުތައް މަތީގައި އެތައް ހާސް މީހުން ނުކުމެ އުފާ ފާޅު ކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރެ އެވެ. އޭގެއިތުރުން މީސްމީޑިއާގައި އަލްޖަޒީރާގެ ނޫސްވެރިން ޕޯސްޓުކޮށްފައިވާ ބައެއް ވީޑިއޯތަކުން ވެސް ސީރިއާއަށް މިނިވަންކަން ލިބިއްޖެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އުފާ ފާޅު ކުރާ މަންޒަރު ފެނެ އެވެ.

ސީރިއާގެ ދާހީލީ ހަނގުރާމަ ފެށުނީ މާޗު 2011 ގަ އެވެ. އެ ހަނގުރާމައިގެ ފެށުމަކީ މެދުއިރުމަތީގައި އުފެދުނު މިނިވަން ފިކުރު، "އަރަބި ސްޕްރިން" އާއެކު ސީރިއާގައި ވެސް ފެށި މުޒާހަރާތަކެވެ.