7 ޑިސެންބަރު 2024 - 20:46 0
އަތޫފް އާތިފް
7 ޑިސެންބަރު 2024 - 20:46 0
ނޭޕާލުގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ މެންސް ކްލަބް ޗެމްޕިއަންޝިޕުގައި ކްލަބް އެޗްޑީސީން ނޭޕާލުގެ ގަންޑާކީ ވޮލީބޯލް ކުލަބްގެ މައްޗަށް ކުރިހޯދާ ފެށުން ރަނގަޅު ކޮށްފި އެވެ.
މި މެޗު އެޗްޑީސީ އިން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓެ ކާމިޔާބުކުރީ ނޭޕާލުގެ ގަންޑާކީ އިންނެވެ. އެއީ 25-18 އަދި 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި އެޗްޑީސީން ވަނީ ތަފާތު ދައްކާފަ އެވެ. މި ސެޓުތައް އެޗްޑީސީ އިން ގެންދިޔައީ 25-23, 30-28 އަދި 15-13 އިންނެވެ.
މި މެޗުގެ ފަށައިގެން އެޗްޑީސީ އަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވެނީސް ގަންޑާކީ އިން ވަނީ ބޮޑު ލީޑެއް ނަގާފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މުޅި ސެޓުގައި ކަހަލަ ގޮތަކަށް ހަތް ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅެފަ އެވެ. މި ސެޓުގައި އެ ޓީމުގެ އެޓޭކުތަކުތައް ބޮޑަށް މެދުން ކުރިއިރު, ރާއްޖޭގެ ޝޮޓުތައް ބްލޮކް ކުރުމުގައި ވެސް ގަންޑާކީ ފެނިގެންދިޔައީ ތަފާތު ކޮށެވެ. މި ސެޓު ގަންޑާކީ އިން ކާމިޔާބުކުރީ 25-18 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ގަންޑާކީ އިން ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅުނު ނަމަވެސް, އެޗްޑީސީ އިން ވަނީ ސެޓުގެ ފަހުކޮޅު މޮޅަށް ކުޅެ, 21-21 އިން ނަތީޖާ އެއްވަރުކޮށްފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު, އެޗްޑީސީގެ ކުޅުންތެރިންނަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި މި ސެޓު ގަންޑާކީ އިން ކާމިޔާބުކުރީ 25-23 އިންނެވެ.
ތިންވަނަ ސެޓުގައި އެޗްޑީސީން ކުޅުން ރަނގަޅުކުރިއިރު, މި ސެޓު ފަށައިގެން އެ ޓީމުން ވަނީ ދެ ޕޮއިންޓްގެ ލީޑެއް ނަގައިގެން ކުޅެފަ އެވެ. މި ސެޓުގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ފޯމުގައި ކުޅެ, ގިނަ ޕޮއިންޓްތަކެއް އެޗްޑީސީ އަށް ހޯދައިދިނެވެ. މި ސެޓު އެޗްޑީސީން ގެންދިޔައީ 25-23 އިންނެވެ.
ހަތަރުވަނަ ސެޓު ފަށައިގެން ދެ ޕޮއިންޓްގެ ލީޑެއްގައި އޮވެގެން އެޗްޑީސީން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު ގަންޑާކީ އިން ވަނީ 21-21 އިން އެއްވަރުކޮށްފަ އެވެ. މި ސެޓުގައި އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ ޗިދާގްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ސެޓުގެ ފަހު ކޮޅު ކުޑަކާއްޓޭގެ ފަރާތުން މޮޅު އެތޭކުތަކެއް ފެނިގެންދިޔައިރު, މި ސެޓުގައި ރިސީވްގައި ވެސް ކުޑަކާއްޓޭ ވަނީ ތަފާތު ދައްކާފަ އެވެ. އެއާއެކު މި ސެޓު އެޗްޑީސީ އިން ގެންދިޔައީ 30-28 އިންނެވެ.
މެޗުގެ ފަހު ސެޓު ފަށައިގެން ވެސް އެޗްޑީސީގެ ފަރާތުން ފެނިގެންދިޔައީ ފޯމުގައި ކުޅުނު ތަނެވެ. އެގޮތުން މި ސެޓުގެ ފުރަތަމަ އަށް ޕޮއިންޓް ހޯދީ ވެސް އެޗްޑީސީން އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ގަންޑާކީ އިން ވަނީ ކުޅުން ރަނގަޅުކޮށް ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ސެޓު ނިންމަން ޗިރާގް ފޮނުވާލި ޕޮއިންޓް ކާމިޔާބުކޮށް 15-13 އިން މި ސެޓު އެޗްޑީސީން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތުގައި އަމިއްލަ ގައުމުގައި ނޭޕާލް ތަމްސީލުކުރާނެ ދެ ޓީމަކީ، ގަންޑަކީ ޕްރޮވިންވްސް އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އެވެ. ރާއްޖޭން ކްލަބް އެޗްޑީސީ ކުޅޭއިރު، އިންޑިއާ އިން ވާދަކުރަނީ، ކަލިކަޓް ހީރޯސް އެވެ. އަދި އިރާނުން ފެނިގެންދާނީ، ޗަދޯރުމަލޫ އެވެ.
އެޗްޑީސީން މާދަމާ ކުޅޭ މެޗުގައި އިރާނުގެ ޗަދޯރުމަލޫއާ ބައްދަލުކުރާނެ އެވެ.
Comment