Advertisement

ހަޓުތަކެއް އަޅައިދޭ މަތިން އެސްޖޭ އަށް ހުޅުމާލެއިން ބިމެއް ވިއްކަނީ

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް މަޖިލީހަށް ވަންނަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަޓުތަކެއް އަޅައިދޭ މަތިން އެސްޖޭ އަށް ހުޅުމާލެއިން ބިމެއް ވިއްކަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަޓުތަކެއް އަޅައިދޭ މަތިން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ހުޅުމާލެއިން ބިމެއް ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، އެސްޖޭ މޯލް އާ ޖެހިގެން އޮތް ބިން ގަތުމަށް އެ ކުންފިން ހުށަހެޅީ މިދިޔަ ވެރިކަމުގައި ކަމަށެވެ.

"އެސްޖޭ މޯލްގެ އެކްސްޓެންޝަން އޭރިއާ. ކުރީ ސަރުކާރުގަ އެތަން ބައްލަވައިގަންނަން ރިކުއެސްޓު ކުރައްވާފަ އޮތީ އެނގޭތޯ. ދެން އަޅުގަނޑުމެންގެ މި ސަރުކާރު އައިސް އަޅުގަނޑުމެންގެ ބޯޑު އައިސް އަޅުގަނޑުމެން ރިކުއެސްޓު ކުރީ މިވަރުގެ ކޮމްޕޯނަންޓެއް ކޮމާޝަލީ އެސްޖޭއަށް މިސާލަކަށް ވިއްކާނަމަ ކޮން ގޮތަކަށްތޯ އެކަން އިނީޝިއޭޓު ކޮށްދޭނީ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން، އެ ބިން އެއްކޮށް ވިއްކާލާއިރު އެޗްޑީސީއަށް ބިމުގެ އަގުގެ އިތުރަށް ފައިދާވާނެ ގޮތްތަކެއް މިހާރުގެ ބޯޑުން ހުށަހެޅި ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އޭގެތެރޭގަ، ތި ވިދާޅުވާ 20 މިލިއަން ރުފިޔާގެ ސީއެސްއާރު ކޮންޕޯނަންޓަކަށް ހަޓުތަކެއް އަޅައިދޭން [ހުށަހެޅީ]، އެ ހަޓުތައް އަޅައިދޭ މަތިން މިކަންތައް އަޅުގަނޑުމެން ކޮށްދީފާނަމޭ،" ފަޒުލް ވިދާޅުވި އެވެ.

މިގޮތަށް އެޗްޑީސީން ހުށަހެޅީ ބިމުގެ އަގުގެ އިތުރުން، މި މުއާމަލާތުގެ ތެރެއިން މުސްތަގުބަލުގައި އެ ކުންފުންޏަށް އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދުމުގައި ނިޔަތުގައި ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ބިން ވިއްކާލަން ނިންމާފައިވަނީ ކޮން އަގެއްގައިތޯ ގަފޫރު ސުވާލުކުރުމުން ފަޒުލް ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ މިއަދު ކޮމިޓީއަށް ދުރުވީ އެ ސުވާލަށް ޖަވާބުދެއްވަން ތައްޔާރުވެގެން ނޫން ކަމަށެވެ. އަދި ސީއެސްއާރުގެ ދަށުން ހަޓުތައް އަޅާ ބިން އަދި އެސްޖޭ އާ ހަވާލުނުކުރާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

އެސްޖޭ މޯލް އާ ޖެހިގެން އޮތް ބިން އެ ކުންފުންޏަށް ވިއްކުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު، މި ބިން ވިއްކުމަށް އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެ އެވެ.