about 10 hours 0
އަމަން ހަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓު ބައްދަލުވުމެއްގައި: އިކޮނޮމިކް ކައުންސިލަކީ ރައީސް ޗެއާކުރައްވާ ކައުންސިލެއް -- ފޮޓޯ: ރައީސް އޮފީސް
about 10 hours 0
ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު ހަވާލުކުރީ އިކޮނޮމިކް ކައުންސިލުން ކަމަށާއި އެ މަސައްކަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަދާކުރާ ދައުރަކީ ޕްރޮޖެކްޓު މެނޭޖުކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފަޒުލް މިހެން ވިދާޅުވީ، ލިފްޓުތައް ހަވާލުކުރުމުގެ އަގު ބޮޑު ކަަމަށް ގަބޫލުކުރައްވަންތޯ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ފަޒުލް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ އިކޮނޮމިކް ކައުންސިލުން ކަމަށެވެ.
"ހިޔާގެ އޭރިއާގެ ޕްރޮޖެކްޓު މެނޭޖުކޮށްދެނީ އެޗްޑީސީގެ ފަރާތުން އިނގޭތޯ. ހިޔާގެ އޭރިއާގެ ލިފްޓުގެ ކޮމްޕޯނަންޓު. އެއީ އިކޮނޮމިކް ކައުންސިލުން ނިންމާފައި އަޅުގަނޑުމެންނާ ހަމައަށް އައިސްފައި އޮތް ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް ކައުންސިލުން ލިފްޓުތަކުގެ މަސައްކަތް ހަވާލުކުރި ކަމަށް ފަޒުލް ވިދާޅުވިއިރު، މި ކައުންސިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާކުރައްވާ އަދި ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ތިއްބަވާ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. މިއީ އިގުތިސާދާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ ކައުންސިލެކެވެ.
އިކޮނޮމިކް ކައުންސިލުން ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރިކަން ހާމަވީއިރު، މިއީ ބޮޑު އަގުގައި ކޮރަޕްޝަން އެކުލެވޭ ގޮތަށް ބަޔަކާ ހަވާލުކުރި މަޝްރޫއެއް ކަމަށް ތުހުމަތުކުރެވެ އެވެ.
ހިޔާގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރީ 18.3 މިލިއަން ޑޮލަރަށެވެ. އެހެންކަމުން ލިފްޓެއްގެ އަގުގެ ގޮތުގައި ޖެހެނީ 8.8 މިލިއަން ރުފިޔާއަށެވެ. އަދި ކޮންމެ ފްލެޓެއްގައި ލިފްޓު ހަރުކުރަން 17.6 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ އެވެ. އަންނަ އަހަރުގެ އޭޕްރިލް 15، އަށް ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ނިންމަން ޖެހޭ އިރު، މިދިޔަ މަހާ ހަމައަށް ނިމުނީ 29 ޕަސެންޓެވެ.
Comment