Advertisement

ޒަކިއްޔާގެ މަރު: އަމިއްލައަށް ނުކުރެވޭނެ ކަމެކޭ ބުނަން ދަތި ކަމަށް ފުލުހުން ބުނެފި

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އޭނާ ދިރިއުޅޭ ގޭގެ ގުދަނަށް ވަންނަ ދޮރު - ފޮޓޯ: ފުލުހުން


ޒަކިއްޔާގެ މަރު: އަމިއްލައަށް ނުކުރެވޭނެ ކަމެކޭ ބުނަން ދަތި ކަމަށް ފުލުހުން ބުނެފި

ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރަކީ އޭނާ އަމިއްލައަށް ނުކުރެވޭނެ ކަމެކޭ ބުނަން ދަތިކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލާގެ ތަހުގީގާ ގުޅޭގޮތުން ތަފުސީލު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްހަދު ސާމިހު ވިދާޅުވީ މިފަދަ ޒަހަމްތައް ފެނިފައިހުރި މައްސަލަތަކެއް މީގެކުރިންވެސް ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބަލާ ތަހުގީގުކޮށްފަ ހުރި މައްސަލަތަކަށް ބަލާއިރުގަ މިބާވަތުގެ އަނިޔާތައް މިގޮތަށް ލިބިގެން ބައެއް މައްސަލަތައް އަޅުގަނޑުމެން ތަހުގީގުކޮށްފަ ވާނީ. އެހެންވީމަ ނުކުރެވޭނެ ކަމެކޭ ބުނަން ދަތި،" ސާމިހު ވިދާޅުވި އެވެ.

އޭނާ މިފަދައިން ވިދާޅުވީ، ޒަކިއްޔާ މަރުވިއިރު ލިބިފައިވާ ޒަހަމްތަކަކީ އަމިއްލައަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ދެކެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.

ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ސާމިހު މިއަދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި ތަހުގީގުގެ ތަފުސީލުތަކެއް ފުލުހުން ދީފައި މިވަނީ، މި މައްސަލާގައި ފުލުހުން އާއިލާއަށް މައުލޫމާތު ނުދޭ ކަމަށާއި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން އަޑުއުފުލަމުން ދަނިކޮށެވެ. އެގޮތުން ހޮޅުދޫ ރައްޔިތުން ވަނީ ނޮވެމްބަރު 25، ގައި އެ ރަށުގައި އެއްވުމެއްވެސް ބާއްވާފަ އެވެ.