3 ޑިސެންބަރު 2024 - 09:54 1
މުހައްމަދު ޝަހްޒާން
ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު މިއަދުގެ ޖަލްސާގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
3 ޑިސެންބަރު 2024 - 09:54 1
ދައުލަތުގެ މާލީ ހަރަދުތައް ކުޑަކޮށް ބޭރުގެ ދަރަނިތައް ދައްކަންޖެހޭ މުއްދަތު އިތުރު ކުރަން މިދިޔަ އެއް އަހަރު ތެެރޭގައި ސަރުކާރުން ކުރި މަސައްކަތުން ދިވެހިރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ބުނެ ބޭރުގެ މާލީ އިދާރާތަކުން ދައްކަމުންދިޔަ ވާހަކަތައް މިހާރު ހުއްޓިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކޮށްދެމުން، ރާއްޖެއިން ދައްކަން ޖެހިފައި ހުރި ހުރިހާ ދަރަންޏެއް ދައްކަން އޮތް މުއްދަތުގައި ދައްކަން އުޅެފި ނަމަ އައިއެމްއެފްގެ ރިޕޯޓުގައި އޮތް ގޮތަށް ރާއްޖެ ބަނގުރޫޓު ވާނެ ކަމަށެވެ.
ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ބޭރުގެ ދަރަނިތައް ދެއްކުން ފަސްކޮށްގެން ބަނގުރޫޓުވުމުގެ ސިނާރިއޯއިން ރާއްޖެ މިހާރު ސަލާމަތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ރައީސް އެ ސިނާރިއޯއިން އިރާދަކުރެއްވިއްޔާ ރާއްޖެ ނެރެ ރިވެނިއު ސްޓްރީމްތައް ރަނގަޅުކޮށް އަދި އޭގެއިތުރުން ހަރަދުތައް ރޭޝަނަލައިޒްކޮށް ހަމަ އެއާއެއްކޮށް އަޅުގަނޑުމެން ދައްކަންޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތުތައް އިތުރުކޮށް ބައިލެޓްރަލީ މަސައްކަތް ކުރައްވައިގެން ރަހުމަތްތެރި ގައުމުތަކާއެކު މަސައްކަތް ކުރައްވައިގެން އެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފައި،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 124 ބިލިއަން ރުފިޔާގެ ދަރަންނެއް ދައުލަތުގެ އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކޮށްފައި އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީހެ ސަރުކާރުތަކުގެ ދަރަނި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ އެއްް އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ބުނެ ބޭރުގެ ރޭޓިން އެޖެންސީތަކުން ދައްކަމުންދިޔަ ވާހަކަތައް ވެސް މިހާރު ހުއްޓިއްޖެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ބަޔަކު ވާހަކަދައްކާހެނެއް، މިސާލަކަށް އިއްޔެ އައިއެމްއެފުން ވެސް ރޭޓިން އެޖެންސީތަކުން ވާހަކަދެއްކިއިރު ވެސް ބުނެފައި ހުންނާނެ ހަރަދު ކުޑަކުރާށޭ ހަރަދު ކުޑަކުރާށޭ، އެކަމަކު ރާއްޖެ ބަނގުރޫޓުވުމާއި އިންސޯލްވެންސީއަށް ދިޔުމާ ދޭތެރޭގައި ވާހަކަދެއްކުން މިހާރު ހުއްޓިއްޖެ"
މަޖިލީހަށް ހާޒިރުކޮށް ޒަމީރުއާ ސުވާލު ކުރީ، ދައުލަތުގެ މާލީ ހިސާބުތައް އާންމު ކުރުން މިދިޔަ ޖޫން މަހު ހުއްޓުނު ސަބަބާ ގުޅޭގޮތުންނެވެ. ޖަވާބުގައި ޒަމީރު ވިދާޅުވީ މާލީ ހިސާބުތައް އާންމު ކުރުން ހުއްޓައިލީ މިދިޔަ އަހަރު ކޮށްފައި ހުރި ހަރަދުތަކެއް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ހުރުމުން ކަމަށެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނީ ހުރީ، 124.8 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދަރަންޏަށް އިތުރުވާ ފައިސާއާއެކީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 146.6 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓުގަ އެވެ. އަންނަ އަހަރުގެ ނިޔަލަށް ޖުމުލަ ދަރަނި 150 ބިލިއަނުން މަތިވާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment