about 17 hours 0
އަމަން ހަލީމް
މޫޑީސް ރޭޓިން އެޖެންސީގެ އޮފީހެއް: ރާއްޖެ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އެ އެޖެންސީން ފާހަގަކުރި -- ފޮޓޯ: ގެޓީ އިމޭޖަސް
about 17 hours 0
ބޭރު ފައިސާގެ ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބަލައި، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން މޫޑީސް ރޭޓިން އެޖެންސީން މިއަދު ނިންމައިފި އެވެ.
މޫޑީސްއިން މިގޮތަށް ނިންމީ ހާލަތު އިތުރަށް ގޯސް ނުވާނެ ކަމަށް ބަލައިފަ އެވެ. އެގޮތަށް ސެޕްޓެމްބަރުގައި ފެށި ރިވިއު ކުރި މުއްދަތުގެ ތެރޭގައި އިންޑިއާއާއެކީ ހެދި ކަރަންސީ ސޮވޮޕް އެގްރިމެންޓާއި ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުތަކާއި ޓެކްސް ބަދަލުތަކަށް ރޭޓިން ދެމެހެއްޓުމުގައި މޫޑީސްއިން ރިއާޔަތްކޮށްފައި ވެ އެވެ.
ރޭޓިންއެކޭ އެއްގޮތަށް މޫޑީސްއިން ވަނީ އައުޓްލުކް ވެސް ނެގެޓިވްގައި ދަމަހައްޓާފަ އެވެ. އެއީ އަދިވެސް ބޭރު ފައިސާގެ ދަތިކަން ހުރުމާއި ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރަނި އަދާކުރަން ހުރުމާ ގުޅިގެންނެވެ. އަދި މިހާރު ތައާރަފުކޮށްފައި ހުރި ރިފޯމްތައް ބަލައިގަތް ނަމަވެސް، މިކަންކަން އެކަށީގެންވާ ވަގުތުގައި ތަންފީޒުކުރެވޭނެ ކަމާ މެދު ޔަގީންކަމެއް ނެތް ކަމަށް ވެސް މޫޑީސް އިން ބުނެފައި ވެ އެވެ.
އޭގެ އިތުރުން ކައިރި މުސްތަގުބަލެއްގައި ވަށައިޖެހޭ ފައިނޭންސިން ޕެކޭޖެއް ނުލިބިއްޖެ ހާލަތެއްގައި، ބޭރު ފައިސާގެ ކަންކަން ހައްލުކުރަން ބައިލެޓަރަލް އަދި މަލްޓިލެޓެރަލް ފައިނޭންސިން ހޯދަން އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް މޫޑީސްގެ ރޭޓިންގައި ވެ އެވެ.
ރޭޓިން ދަމަހައްޓަން ފަހިވީ މައިގަނޑު އެއް ސަބަބަކީ އިންޑިއާއާއެކީ ސޮއިކުރި ޑޮލަރާއި ރުޕީސް ކަރަންސީ ސުވޮޕް ފެސިލިޓީތަކެވެ. މި ފެސިލިޓީގެ ބޭނުންކޮށްގެން ބޭރު ފައިސާގެ ރިޒާވު ރަނގަޅުވެ، ދެ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ހުންނަ ހާލަތަކަށް ރިޒާވު އުފުލިފައިވާ ކަމަށް މޫޑީސްގެ ބަޔާނުގައި ބުންޏެވެ.
ހަމަ އެހެންމެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ވެސް 220 މިލިއަނަށް އިތުރުވެފައިވާތީ ކުރު ރާސްތާގައި ބޭރު ފައިސާއަށް ހުރި ގޮންޖެހުންތަކަށް ލުޔެއް ލިބިފައިވާ ކަމަށް ވެސް މޫޑީސްގެ ބަޔާނުގައި ބުންޏެވެ.
މޫޑީސްގެ ރޭޓިންގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، އަންނަ އަހަރު ދައްކަން ޖެހޭ 700 މިލިއަން ޑޮލަރުގެ ދަރަންޏާއި އެއާ ޖެހިގެން އަންނަ އަހަރު ދައްކަން ޖެހޭ ބިލިއަނެއްގެ ޑޮލަރުގެ ދަރަންޏެވެ. އަދި އާމްދަނީ އިތުރުކުރާށާއި ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކީ ވެސް އަންނަ އަހަރުގެ ބަޖެޓު ބޮޑު ކަމުގެ ކަންބޮޑުވުން ވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކުރި އެވެ.
އެ ގޮތުން މުހިންމު ކަމެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކުރީ ޕީއެސްއައިޕީގެ ކެޕިޓަލް ހަރަދުތައް ބޮޑުވަމުން ދިޔުމެވެ. މިއާ ގުޅިގެން އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ މަތި ވާނެ ކަމަށާއި، އަންނަ ދެ އަހަރުގެ ތެރޭޣައި ވެސް ކަރަންޓު އެކައުންޓު ޑެފިސިޓު ހުންނާނީ ޖީޑީޕީގެ 13 ޕަސެންޓާއި 15 ޕަސެންޓާ ދޭތެރޭގައި ކަމަށް މޫޑީސްއިން ބުންޏެވެ.
އޭގެ އިތުރުން، ކޮވިޑު ދުވަސްކޮޅުގެ ތެރޭގައި ފައިސާ ޗާޕުކުރުމާ ގުޅިގެން ޑޮލަރުގެ ކޮންޓްރޯލް އަގު ހިފެހެއްޓުމުގައި ހުރި ގޮންޖެހުންތައް ވެސް މޫޑީސްއިން ފާހަގަކުރި އެވެ. އަދި އިގުތިސޯދީ ހާލަތު ރަނގަޅު ވަމުންދާ ވަރަކަށް ދިވެހި ރުފިޔާއިން ދަރަނި ދޫކުރުން އިތުރުވަމުންދާތީ ބޭރު ފައިސާއަށް ހުރި ޕްރެޝަރު ބޮޑުވަމުންދާ ކަމަށް ވެސް ބުންޏެވެ.
މޫޑީސްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ އެޖެންސީގެ ރޭޓިން ބަލައިގަނެ، ސަރުކާރުން އަޅާފައިވާ އަދި އަޅަން ރާވާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައި ވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ތެރޭގައި ހަރަދުކުޑަކުރަން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި ދައުލަތުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތަށް އަލިއަޅުވާލާފައި ވެ އެވެ.
Comment