2 ޑިސެންބަރު 2024 - 19:04 5
މުހައްމަދު ޝަހްޒާން
ޕީއެންސީގެ ޕީޖީ ގުރޫޕް، ހުވާ ކުރުމުގެ ރަސްމިއްޔާތަށް މަޖިލީހަށް ވަޑައިގަންނަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
2 ޑިސެންބަރު 2024 - 19:04 5
ރައީސް އޮފީހުގެ ދެ މިނިސްޓަރުން، އަލީ އާރިފް އާއި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޕީޖީ ގުރޫޕު ބައްދަލުވުމުގައި ދައުލަތުގެ ތިން މިނިސްޓަރަކު ވަކިކުރުމަށާއި ޕާޓީ ހިންގުމުގެ ބާރު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ދިނުން ހިމެނޭހެން ގިނަ ޑިމާންޑުތަކެއްކޮށް، އެކަންކަން ނުކުރާނަމަ ޕާޓީ ދޫކޮށްލަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ދީފި އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދެއްވި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ ވަރަށް ބޮޑަށް ހޫނުވެގެންދިޔަ އެ ބައްދަލުވުން ނިމުނީ އިރުއޮއްސުނު ފަހުން ކަމަށެވެ. އެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުން ވަކި ކުރަން ޕީއެންސީގެ ބައެއް މެންބަރުން ގޮވައިލި ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން މެންބަރުން ބުންޏެވެ.
"ގިނަ މެންބަރުން ޑިމާންޑު ކުރީ ހޯމް މިނިސްޓަރު އިހުސާން އާއި އެޑިއުކޭޝަން މިނިސްޓަރާއި އޭޖީ ވަކި ކުރަން އަދި ސިޔާސީ ބާރުތަކާއި ޕާޓީ ހިންގުމުގެ ބާރުތައް އަދުރޭއަށް ދޭން، އަދުރޭއާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދަން،" ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޑިމާންޑުތަކަށް ގޮތެއް ހަދައި ނުދީ ކުރިއަށް ދާނަމަ ޕާޓީ ދޫކޮށްލަން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު ވެސް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ދިން ކަމަށެވެ.
"12 މެންބަރުން ކުރިން ވަކިވެފައި އޮތީ ވެސް ފިއްތައިގެން ބިޑިއަޅުވައިގެން ގެންގުޅުނީމައޭ، އެހެންވީމަ މިނިވަންކަން މެންބަރުންނަށް ދިނުމަށް، އަދި މިނިވަންކަން ނުދޭނަމަ ޕާޓީ ދޫކޮށްފައި ދާނެ ކަމަށް ބައެއް މެންބަރުން ގޮވައިލި،" ޕީއެންސީގެ މަޖިލިސް މެންބަރު ވިދާޅުވި އެވެ.
މަޖިލީހުގައި އޮތް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދެ ބޭފުުންގެ ތެރެއިން، އަލީ އާރިފް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އަބްދުﷲ ނާސިރުއަކީ މާލެ ސިޓީ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ވަރަށް އަރިސް ބޭފުޅެކެވެ.
މަޖިލީހުގައި އޮތް ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއިރު، ޕީއެންސީގެ މަޖިލިސް މެންބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަރަށް ބޮޑަށް ވަނީ ގަދަވެފަ އެވެ.
Comment