about 16 hours 3
ސާއިފް ޝިޔާދު
ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ބައިވެރިވި ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ. އެމަނިކުފާނު ސަރުކާރުގައި 2000 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި. މިއީ ރާއްޖޭގެ ރެކޯޑެއް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 16 hours 3
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދައިފި އެވެ.
އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ހާމަކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދެއް ކަމަށްވާ އަފްރާހު އިސްމާއިލް ރައީސް އޮފީހުގައި އެދުނީ އެ 228 މީހުންގެ ނަމާއި, މަގާމާއި, މުސާރަ އަދި އައްޔަނުކޮށްފައި ތިބި އިދާރާގެ މައުލޫމާތު ދިނުމަށެވެ.
ނަމަވެސް, ރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާކަން އެކްސްގައި އަފްރާހު ހިއްސާކުރި އާރުޓީއައިގެ ޖަވާބުން އެނގެ އެވެ. އެ މައުލޫމާތު ނުދިނީ އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ.
"ހޯއްދަވަން އެދިވަޑައިގެންފައިވާ މައުލޫމާތުގެ ތެރެއިން, ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތަށް ވެފައި, އެ ފަރާތްތައް މަސައްކަތްކުރި ވުޒާރާތަކުގެ ނަންތައް ހާމަކޮށްފިނަމަ, އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ގަބޫލުކުރެވޭތީ, އެ މުވައްޒަފުންގެ ނަމާއި ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ, މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމުގައި ދަންނަވަން," ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު މަރިޔަމް ޝައުފާ ސޮއިކޮށް ފޮނުވި ޖަވާބުގައި ބަޔާންކޮށްފައިވެ އެވެ.
ނޮވެމްބަރު 17, 2023 ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment