Advertisement

ޕީއެސްޖީން ސަލާހާ އެކު މަޝްވަރާތައް ފަށައިފި: ރިޕޯޓް

2 ޑިސެންބަރު 2024 - 13:45 0


ޕީއެސްޖީން ސަލާހާ އެކު މަޝްވަރާތައް ފަށައިފި: ރިޕޯޓް

2 ޑިސެންބަރު 2024 - 13:45 0

ޕެރިސް (ޑިސެމްބަރު 2) - ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީން ލިވަޕޫލްގެ މުހައްމަދު ސަލާހާ އެކު ޓްރާންސްފާގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލާހު، 32، މި ވަގުތު ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އެހެންކަމުން، އަންނަ މަހުން ފެށިގެން ސަލާހު ބޭނުންނަމަ، (އިނގިރޭސި ކްލަބެއް ނޫން) ޓީމަކާ އެކު ޓްރާންސްފާގެ ޑީލެއް ހަދައި އެއްބަސްވުމަކަށް އާދެވޭނެ އެވެ. އެއީ، ޖުލައި އެއް ވަނަ ދުވަހު އެ ޓީމަކާ ގުޅޭގޮތަށެވެ.

ލިވަޕޫލުން އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކަށް ފަހު ސަލާހު ވަނީ އެ ކްލަބުން އޭނާ އަށް އާ އެއްބަސްވުމެއް އަދި ނުދޭ ކަމަށް ބުނެފަ އެވެ. އެހެންކަމުން، މިއީ އެ ޓީމާ އެކު އޭނާ ފެންނާނެ ފަހު އަހަރު ކަމަށް ވެސް ސަލާހު ވަނީ ބުނެފަ އެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ، ލެކުއިޕޭ އިން ރިޕޯޓްކުރާގޮތުގައި، ޕީއެސްޖީން ވަނީ ސަލާހާ އެކު ޓްރާންސްފާގެ ވާހަަކަތައް ދައްކަން ފަށައިފަ އެވެ. އަދި ޕީއެސްޖީގެ އޮފިޝަލުން ތިބީ އަންނަ ސީޒަނުގައި ސަލާހު އެ ޓީމުން ފެންނާނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސަލާހު ހޯދަން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އޭނާގެ ވިސްނުމަކީ، އަދި ޔޫރަޕްގައި ދެތިން އަހަރު ކުޅުމެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހު ލިވަޕޫލަށް ޑިމާންޑްކޮށްފައިވަނީ މަދުވެގެން، ތިން އަހަރުގެ ކޮންޓްރެކްޓަކަށެވެ. އެއީ، މިހާރު ލިބެމުން އަންނަ މުސާރަ އަށް އިތުރުުވުމެއް އަންނަ ގޮތަށެވެ. އަދި މިހާރު ކުޅެމުން އަންނަ މުސާރަ އަށް ބަދަލެއް ނުގެންނަނަމަ، ކޮންޓްރެކްޓް އާ ކުރަން ސަލާހު ބޭނުންވަނީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، އިތުރު އެއް އަހަރު މަޑުކުރެވޭނެ މާއްދާއެއް ހިމެނޭ ގޮތަށެވެ.

ލިވަޕޫލާ 2017 ވަނަ އަހަރު ގުޅުނު ސަލާހު، އެންމެ ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރީ، 2022 ވަނަ އަހަރު އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ސަލާހުގެ އިތުރުން، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އާއި ވާޖިލް ވެން ޑައިކް ވެސް ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލުން ވެން ޑައިކާއި އާނޯލްޑްއާ އެކު އަންނަނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.