2 ޑިސެންބަރު 2024 - 13:32 0
2 ޑިސެންބަރު 2024 - 13:32 0
މެޑްރިޑް (ޑިސެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 2-0 އިން ގެޓަފޭ އަތުން މޮޅުވި މެޗުގައި ގޯލު ޖެހި، ރެއާލްގެ ކީލިއަން އެމްބާޕޭއާ މެދު އުއްމީދު ގެއްލުވާނުލަން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އެދެފި އެވެ.
މި ސީޒަނުގައި ރެއާލާ ގުޅުމަށް ފަހު، އެމްބާޕޭ އަށް އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ނުދެއްކި، ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާވެފަ އެވެ. ރޭގެ މެޗުގައި ގެޓަފޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އެމްބާޕޭ ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
މެޗަށް ފަހު އަންޗެލޮޓީ ބުނީ، މި މެޗުގެ ނަތީޖާ އަކީ އޭނާގެ އިތުރުން، އެމްބާޕޭ އަށް ވެސް ހަމަނޭވައެއް ލެވޭނެ ކަމެއް ކަމަށެެވެ. އަދި ހާއްސަކޮށް މި މެޗުގައި ރަނގަޅަށް ކުޅެ އެމްބާޕޭ ޖެހި ގޯލާ އެކު، އޭނާގެ އިތުބާރު ރަނގަޅުވާނެ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
"ވަރަށް ރަނގަޅަށް އޭނަ ކުޅެފި، ވަރަށް ޖެހިލުންކުޑަ ކުޅުމެއް ވަރަށް އިތުބާރާ އެކު އެ ކުޅެލީ. އަހަރެންގެ އޮތީ އެންމެ އެދުމެއް، ސަޕޯޓަރުން އެމްބާޕޭ ފަހަތުގައި އުންމީދުގައި ތިބޭށޭ. އޭނާ މި ތަފާތު ދައްކާނެއޭ،" އަންޗެލޮޓީ ބުންޏެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި، 19 މެޗުން 10 ގޯލު ޖަަހައި، ދެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރޭގެ މެޗުގެ 38 ވަނަ މިނިޓްގައި، އެމްބާޕޭ ގޯލު ޖެހީ ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. އޭގެ އަށް މިނިޓް ކުރިން ބެލިންހަމް ވަނީ ޕެނަލްޓީ އަކުން ރެއާލްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ.
އަންޗެލޮޓީ ބުނީ ޕެނަލްޓީ ޖަހާނެ ކުޅުންތެރިއަކު ކަނޑައަޅަން އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލައިފައި ކަމަށެވެ. އެ ގޮތުން، އާންމު ގޮތެއްގައި، ވިނީޝިއުސް ޖޫނިއާ ނޫނީ އެމްބާޕޭ ކަމަށާއި އެކަމަކު، ވިނީޝިއުސް ނެތް ދަނޑިވަޅެއްގައި ބެލިންހަމް ނޫނީ އެމްބާޕޭ ކަމަށެވެ. އަދި އޭގެ ތެރެއިން މި މެޗުގައި ޕެނަލްޓީ ޖަަހަން އެ ކުޅުންތެރިން ނިންމީ ބެލިންހަމް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
މިއި، އެންމެ ފަހުން، ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އަތުން ޕެނަލްޓީ ނާކާމިޔާބުވުމުން އައި ނިންމުމެއް ނޫން ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެެވެ.
ރެއާލުގެ މި މޮޅާ އެކު، އެ ޓީމުން ވަނީ އެއް މެޗު މަަދުން ކުޅުނު ނަމަވެސް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ވަނީ 14 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ.
Comment