Advertisement

އަލަށް ރިޓަޔާކުރާ މީހުންނަށް މަހުންމަހަށް ދޭ އެލަވަންސް ކަނޑާނުލަން ނިންމައިފި

2 ޑިސެންބަރު 2024 - 12:43 2

އަމަން ހަލީމް

އަމަން ހަލީމް

ދައުލަތުގެ ގިނަ ވުޒާރާތަކެއްގެ އޮފީސް ހުންނަ ވެލާނާގެއިން ބަޔަކު ނިކުމެގެން ދަނީ: ފިނޭންސުން ބުނަނީ މިހާރު ދެމުންދާ ގޮތަށް ޕެންޝަން ދިނުމުގެ ޕެންޝަންގެ މަގުސަދާ ފުށުއަރާ ކަމަށް -- އަދަދު ފައިލް ފޮޓޯ


އަލަށް ރިޓަޔާކުރާ މީހުންނަށް މަހުންމަހަށް ދޭ އެލަވަންސް ކަނޑާނުލަން ނިންމައިފި

2 ޑިސެންބަރު 2024 - 12:43 2

އަންނަ ޖެނުއަރީން ފެށިގެން ރިޓަޔާކުރާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް ދޭ ރިޓަޔަމަންޓް އެލަވަންސް ނުދޭން ފިނޭންސް މިނިސްޓްރީން އެންގި އެންގުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބުނު ނަމަވެސް މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސަރުކާރުގެ އިދާރާތަށް ފޮނުވި ސާކިއުލާ އަނބުރާ ގެންނަން ރައީސް ވަނީ އަންގަވާފަ އެވެ. މި ގޮތަށް ނިންމި ސަބަބެއް އަދި ނޭނގެ އެވެ.

ޕެންޝަން ފަންޑުގެ ބޭރުން ސަރުކާރުން ސީދާ ހަރަދުކުރާ ގޮތަށް އެކި ވުޒާރާތަކާއި އިދާރާތަކުގައި އޮންނަ ރިޓަޔަމަންޓް ސްކީމުގެ ބޭރުން ހަރަދުކުރާ ގޮތަށް އޮންނަ ސްކީމުތަކުން މަހުން މަހަށް ދޭ އެލަވަންސް ނުދޭން ސަރުކާރުން ނިންމީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މިއީ ރާއްޖެއަށް މާލީ ކަންކަމުގައި ލަފާދޭ ބައިނަލްއަގުވާމީ އިދާރާތަކުން ތަކުރާރުކޮށް ލަފާދީފައިވާ ކަމެކެވެ.

މަހުން މަހަށް ދޭ އެލަވަންސް އުވާލަން ނިންމި ނަމަވެސް އޭރު ވެސް ސަރުކާރުން އަންގާފައި އޮތީ ރިޓަޔާކުރާ އިރު ގަނޑުކޮށް ދޭ ފައިސާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިއީ ވެސް ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދޫކުރާ ފައިސާ އެވެ. މި އަހަރު ވެސް އެ ސްކީމަށް 266 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ވެ އެވެ.

ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު، ފިނޭންސުން ކޮށްފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި މި ސްކީމަށް ސީދާ ބަޖެޓުން ކުރާ ހަރަދު މި ގޮތުގައި ކުރިއަށް ދާނަމަ ކުރިއަށް އޮތް ހަތް އަހަރުގެ ތެރޭގައި ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާނެ އެވެ. އެއީ މަހުން މަހަށް ދޭ ފައިސާ އާއި ގަނޑުކޮށް ދޭ ފައިސާ ހިމަނައިގެންނެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސުން ބުނެފައިވާ ގޮތުގައި، ރިޓަޔަމަންޓް އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖަޓުން ފައިސާ ދެމުން، ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން، މުސާރަ ދިނުމަކީ ޕެންޝަންގެ މަގުސަދާ ފުށުއަރާ، އަދި މަދު ބަޔަކަށް ދައުލަތުގެ ބަޖެޓުން ތަކުރާރުކޮށް ޕެންޝަނަށް ހަރަދު ހިނގާ އުސޫލުތަކެކެވެ.